ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި މީހަކު ހަ މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކޮށްފައި ވަނީ މ. އާސިޔާނާވިލާ، މުހައްމަދު ނައީމް 45، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ، 2009 ނޮވެމްބަރު ހަތަރު ވަނަ ދުވަހު، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ، އެހެން މީހަކު އޭނާ އަށް ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކަކުން، މަކަރާއި ހީލަތުން 25،700 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހެކިންގެ ހެކިބަހުން އެ މައްސަލަ މުހައްމަދު ނައީމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އެބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވާތީ، ކުށުގެ އުޤޫބާތެއްގެ ގޮތުން ނައީމް ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމް ކުރި ކަމަށް ވެސް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.