ޑީއާރްޕީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ މާލޭގައި ބޭއްވި މުޒާހަރާއެއް ކަވަރުކުރަމުންދިޔަ މީޑިއާގެ ފަރާތްތަކާ ދެކޮޅަށް ފުލުހުން މުގުރާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފައި ވަނީ "ގަސްތުގައި" ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާ ވަޒީރުން މަގާމުގައި ތިއްބެވި މައްސަލައާ މެދު ނުރުހުންފާޅުކުރުމުގެ ގޮތުން ޑީއާރްޕީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އޮކްޓޯބަރު 25، 2010 ގައި ބޭއްވި މުޒާހަރާގެ ތެރޭގައި "ވޭތުވެ ދިޔަ ދެތިން އަހަރު ތެރޭ ދިވެހި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ތަހައްމަލު ކޮށްފައިނުވާ ފަދަ އުނދަގޫތަކާއި ހުރަސްތަކާއި އަނިޔާ އެރޭ ފުލުހުންގެ ފަރާތުން ތަހައްމަލު ކުރަން ޖެހިފައިވާ" ކަމަށް އެ ހާދިސާ ދިރާސާ ކުރުމަށް ފަހު މީޑިއާ ކައުންސިލުން ނެރުނު ރިޕޯޓުގައިވެ އެވެ.
މުޒާހަރާގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން، މުޒާހަރާ ކަވަރުކުރަމުން ދިޔަ ފަރާތްތަކުން ކައުންސިލަށް ދީފައިވާ މައުލޫމާތު ދިރާސާ ކުރުމަށް ފަހު ނެރުނު އެ ރިޕޯޓުގައި ބުނަނީ ފުލުހުން މީޑިއާއާ މެދު އަމަލުކޮށްފައި ވަނީ ވަރަށް "ހަރުކަށި"ކޮށް ކަމަށެވެ.
"ފުލުހުން މީޑިއާގެ ބައެއް ބޭފުޅުންނާ ދެކޮޅަށް މުގުރު ބޭނުންކޮށްފައިވާ ކަމާއި އަދި ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ،" ކައުންސިލްގެ ހަ މެންބަރުންގެ ކުޑަ ކޮމިޓީއަކުން ތައްޔާރުކުރި އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީޑިއާގައި މަސައްކަތްކުރާ 8 ފަރާތަކަށް އެކިވަރުގެ ޖިސްމާނީ އަނިޔާތައް ލިބިގެން އެ ރޭ ފަރުވާ ހޯދި ކަމަށް އެމީހުން ކޮމިޓީއަށް ބަޔާންދީފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދޭ ތަނުގެ ވީޑިއޯ ފުޓޭޖް އެބަ ހުރި ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
އަދި ފުލުހުން އެރޭ އަމަލުކޮށްފައި ވަނީ މުޒާހަރާކުރަމުންދިޔަ ސަރަހައްދުން މީޑިއާގެ ފަރާތްތައް ވެސް ނެރުމުގެ ވިސްނުމެއްގައި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ ހުޅަނގުން އޮތް ގޯޅި ތެރެއަށް މީޑިއާގެ ފަރާތްތައް ވެއްދުމަށް ފަހު، އެ ގޯޅި ފުލުހުންގެ ބޭނުމަކަށް ހުސްކުރަން ބޭނުން ކަމަށް ބުނެ، ނޫސްވެރިން އެތަނުން ފޮނުވާލުން އެއީ "މީޑިއާ އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ގަސްތުގައި ކޮށްފައިވާ ކަމެއް" ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ނަމަވެސް، ފުލުހުންގެ އެންގުމަށް މީޑިއާ އެ ސަރަހައްދު ދޫކޮށް ނުދިއުމުން "ފުލުހުން އެތަނުގައި ތިބި މީޑިއާގެ ބައެއް ބޭފުޅުންގެ މޫނަށް ދޭއް ނުވަތަ ތިން ފޫޓް ގާތުން ގަސްތުގައި ޕެޕާ ސްޕްރޭ ޖަހާފައިވާ" ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
~
އަދި މީޑިއާގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅުމަށާއި މީޑިއާ އަށް އިހުތިރާމް ކުރުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައިވެ އެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، މީޑިއާ ކައުންސިލްގެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ފުލުހުން އިހްތިރާމްކުރާނީ ޕޮލިސް އިންޓަރްގްރިޓީ ކޮމިޝަނުގެ ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވަނީ، ފުލުހުން ގަބޫލުކުރާ، ނުކުރާ އެއްޗެއް ކައުންސިލުން ނުބަލާ ކަމަށެވެ. "އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް ރިލީސްކުރީ. އެބޭފުޅުން ވިދާޅުވާ އެއްޗެއް ވިދާޅުވާނެ،" ނަޒީފް ވިދާޅުވި އެވެ.
އަދި އެ ރިޕޯޓުގެ މައްޗަށް ބަލައި އަޅަން ޖެހޭ ފިޔަވަޅެއް މީޑިއާ ކައުންސިލުން ނިންމާނެ ކަމަށް ވެސް ނަޒީފް ވިދާޅުވި އެވެ.
ނޫސްވެރިންނަށް "ކަޅު" ރެއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ އެރޭގެ މުޒާހަރާގައި ޒިންމާދާރުކަން ކުޑަގޮތެއްގައި އަމަލުކޮށްފައި ވަނީ ފުލުހުން އެކަނި ނޫން ކަމަށާއި އެރޭ މީޑިއާގެ ބައެއް ފަރާތްތަކުގެ އަމަލުތައް ވެސް ހުރީ "ޕްރޮފެޝަނަލް އަދި އެތިކަލް މިންގަނޑުތަކާ އެހާ ރައްޓެހި ގޮތަކަށް ނޫން" ކަމަށް މީޑިއާ ކައުންސިލުން ސިފަ ކުރެ އެވެ.
"މީޑިއާގެ ފަރާތްތަކުން ހިފަހައްޓަން ޖެހޭ އަޚްލާގީ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ބައެއް ކަންކަން ވެސް ފާހަގަކުރެވިފައިވާތީވެ އެ ކަންކަން ރަނގަޅުކުރުމަށް މީޑިއާގެ އެންމެހާ ފަރާތްތަކަށް މި ކައުންސިލުން ގޮވާލަމެވެ."
މީޑިއާ އިން ޒިންމާދާރުކަން ކުޑަގޮތެއްގައި ހިންގާފައި ވަނީ ކޮން އަމަލެއްތޯ ސުވާލު ދެންނެވުމުން މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އަބްދުﷲ ވިދާޅުވީ، ކޮންމެހެން ނޫސްވެރިން އެތާ ނުތިއްބަސް އެމީހުން ބޭނުންވާ މަންޒަރާއި އަޑާއި ފޮޓޯ ރަނގަޅަށް ފެންނާނެ ކަމަށް ކައުންސިލަށް ފެންނަ ގޮތާ ޚިލާފަށް ބައެއް ނޫސްވެރިން އަމަލުކޮށްފައިވާ ކަމަށެވެ.
ވަކި މީޑިއާއަކުން ހިންގި ވަކި އަމަލެއް ކައުންސިލުން ފާހަގައެއް ނުކުރެ އެވެ.
އޮކްޓޫބަރު މަހު ހިނގި ހާދިސާގެ ރިޕޯޓް، ތިން މަސް ދުވަސް ފަހުން ނެރެފައި މިވަނީ އެ ރިޕޯޓް އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ކައުންސިލްގެ މެންބަރު އަހުމަދު ފައިސަލް ކޮމެޓީން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ފައިސަލް މިއަދު ސަން އަށް ވިދާޅުވީ އޭނާ ކޮމެޓީން އިސްތިއުފާ ދެއްވީ "އަޅުގަނޑު ޝާމިލުވާ ގޮތެއްގައި އެ ރިޕޯޓް އޮތް ގޮތަށް ނެރެން ބޭނުން ނުވާތީ" ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ދެއްވުމަށް އޭނާ އިއުތިރާޒު ކުރެއްވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފައިސަލް އެކުލަވާލައްވައި ކައުންސިލްގެ މެންބަރުންނަށް ސާކިއުލޭޓު ކުރި ރިޕޯޓްގައި މީޑިއާގެ އެއްވެސް ފަރާތަކުން ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމެއް ކުރި ކަމެއް ހިމަނާފައެއް ނުވެ އެވެ.