19 Aug 2014, 10:33
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ބާންލޭ އަތުން މޮޅުވެ، ޗެލްސީއިން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ބާންލޭގެ ޓާފް މޫރްގައި ރޭ ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގައި ޗެލްސީއާ އަލަށް ގުޅުނު ސެސް ފެބްރިގާސް އަދި ޑިއޭގޯ ކޮސްޓާ ކުޅުނު އިރު، އެ ޓީމުގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ ވެސް ވަނީ ކުޅެފަ އެވެ. މެޗުގައި ޑްރޮގްބާ ކުޅެމުންދާ 11 ނަންބަރު ޖާޒީގައި ކުޅުނު އިރު، މިދިޔަ ސީޒަނުގައި އެ ޖާޒީގައި ކުޅުނު އޮސްކާ ކުޅެމުން ދިޔައީ އެ ޓީމުގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ބޭނުންކުރި އަށް ނަންބަރު ޖާޒީގައެވެ.
މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެތިއު ޓެއިލާގެ ބޯޅައަކުން މެޗުގެ 14 ވަނަ މިނެޓްގައި ބާންލޭއަށް ލީޑު ހޯދައިދިނީ ސްކޮޓް އާފީލްޑެވެ. ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އާފީލްޑް ފޮނުވާލި ހަމަލާ ދިޔައީ ޗެލްސީގެ ގޯލުގެ ކަނަށެވެ. މި މެޗުގައި ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރު ޕީޓާ ޗެކްގެ ބަދަލުގައި އެ ޓީމުގެ ގޯލު ބަލަހައްޓަމުން ދިޔައީ ތިބޯޓް ކޯޓުވާ އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ.
ބާންލޭއިން ލަނޑެއް ކާމިޔާބުކޮށް، ލީޑު ނެގިތާ މާ ގިނައިރުތަކެއް ނުވަނީސް ޗެލްސީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރީތި ކުޅުމެއް ކުޅެމުންދިޔަ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނުރައްކާތެރި ފޯވާޑް ކޮސްޓާ އެވެ. ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓްގައެވެ.
އޭގެ ހަތަރު މިނެޓް ފަހުން ޗެލްސީއިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިފަ އެވެ. ފެބްރިގާސްގެ ރީތި ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭ ޝޫލާ އެވެ. ބާންލޭގެ ޕެނަލްޓީ އޭރިޔާގެ ކަނާތު ފަޅީގައި ހުރެ، ޝޫލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ވާތު ކަނަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އެ ޓީމު ދަމަހައްޓަމުން ދިޔަ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 34 ވަނަ މިނެޓްގައި ފެބްރިގާސްގެ ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔަ އެވެ. ނަމަވެސް ފަހު ހާފުގައި ޗެލްސީއަށް ބާންލޭގެ ގޯލަށް ގިނަ ހަމަލާތަކަކެއް ފޮނުވާލެވިފައެއް ނުވެ އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑްރޮގްބާއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ޕްރިމިއާ ލީގު މެޗަކަށް ޗެލްސީ ދެން ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ލީޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެ މެޗަށް ޗެލްސީ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00 ގައެވެ.