19 Aug 2014, 10:25
ޣައްޒާ (އޮގަސްޓް 19) : އިސްރާއީލުން އެންމެ މަތީފެންވަރުގެ އަސްކަރީ ޖެޓްތައް ބޭނުންކޮށްގެން ފަލަސްތީނުގެ އަންހެނުންނަށާއި ކުޑަކުދިންނަށް ދެމުންގެންދާ ހަމަލާތަކަކީ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ހޮލޮކޯސްޓް" ކަމަށް ޖަރުމަނުގެ ބައެއް ފަރާތްތަކުން ދެކޭކަމަށް އެގައުމުގައި ޝާއިއުކޮށްފައިވާ މިޑިޔާ ރިޕޯޓެއް ބުނެފި އެވެ.
މިރިޕޯޓާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި އިސްރާއީލުން އެންމެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ އަސްކަރީ ޖެޓްތައް ބޭނުންކޮށްގެން ޣައްޒާގެ މަދަނީ ތަންތަނަށް އަމާޒުކޮށް އެތައް ހާސް އާންމުން މެރުމުގެ އިތުރުން އިސްރާއީލު ސިފައިން ޣައްޒާގެ ތިން ސަރަހައްދަކަށް އަރައި އެ ސަރަހައްދުތަކުގެ ގެތަކަށްވަދެ ވަކިވަކިން މީހުންނާއި އާއިލާތައް ހުރިހުރި ގޮތަށް މަރައި ހިންގާފައިވާ ގަތްލުއާންމުތަކަކީ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގިކަމަށް ބުނާ ހޮލޮކޯސްޓްގެ ގަތްލުއާންމާ އެއްވަރުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތަކެކެވެ. އެހެންކަމުން ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ކަމަށް ބުނާ ހޮލޮކޯސްޓް ގަތްލު އާންމާއި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ހޮލޮކޯސްޓްގެ ގަތްލުއާންމުތަކުގެ ތެރެއިން އަނިޔާވެރިކަންބޮޑީ ކޮން ގަތްލު އާންމެއްކަން މިހާރު ވަކިކުރަންނޭންގޭ ކަމަށް ޖަރުމަނުގެ ބައެއް ރައްޔިތުން ވެސް ބުނަމުން ގެންދާކަމަށްވެ އެވެ.
އިސްރާއީލުން އެންމެ ކަންބޮޑުވާ މައްސަލައަކީ ހިޓްލަރުގެ އަނިޔާވެރިކަމާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރިކަން އެއްވަރުކޮށް އަޅައި ކިޔުމެވެ. މިގޮތުން އިސްރާއީލުގެ ދިދާގައިވާ ޔަހޫދީ ދައުލަތުގެ ނިޝާން ކަމަށްވާ ޑޭވިޑް ސްޓާ އާއި ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ ޕާޓީގެ ނިޝާން ކަމަށްވާ ސްވާސްޓިކާ އެއްވަރު ކުރުމަކީ އިސްރާއީލުގެ ޔަހޫދީންނަށް ކެތްކުރެވޭ ކަމަކަށް ނުވާ ކަމަށްވެ އެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު މިހާރު ހިންގަމުން ގެންދާ އުދުވާނާއި ގަތްލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ އަދަދު 2016 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އެވުޒާރާ އިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ޖުލައި މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި އުދުވާނާއި ގަތްލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ 2016 މީހުންގެ ތެރޭގައި 540 ކުޑަކުދިންނާއި 250 އަންހެނުންނާއި 100 މުސްކުޅިން ހިމެނޭކަމުގަ އެވެ.
އަދި މިއުދުވާނުގައި އިސްރާއީލުން ޒަޚަމްކޮށްލާފައިވާ 10193 ތިން މީހުންގެ ތެރޭގައި ވެސް 3080 ކުޑަކުދިންނާއި 1970 އަންހެނުންނާއި 360 މުސްކުޅިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައިވެ އެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާ އަދި ފަލަސްތީން ސަރުކާރުގެ އިމާރާތްތަކަށެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީން މުޖާހިދުންނަށް ހަމަލާދީ އެމީހުން ބަލިކޮށްލުމުގައި އިސްރާއީލުގެ "ބާރުގަދަ" ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ގެންދަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިތަހުގީގަށް ހުރަސްއެޅުމަށް ޓަކައި އެމެރިކާއި ޔޫރަޕްގެބޮޑެތި ބާރުތަކާ ގުޅިގެން ޑިޕްލޮމެޓިކް ގޮތުން ވަރުގަދަ މަސައްކަތްތަކެއްކުރަމުންނެވެ. މިކަމަށް ޓަކައި ގައުމުތަކުގެ ސަރުކާރުތަކަށް ފިއްތުންތައް ކުރިމަތިކުރުމަށް ޓަކައި އެމެރިކާ އާއި ޔޫރަޕްގައި ހަރަކާތްތެރިވާ ޔަހޫދީޒަޔަނިސްޓް ލޮބީ ގްރޫޕްތައް ހަރަކާތްތެރިވަމުންދާއިރު އިސްރާއީލު ގެންދަނީހުޅަނގުގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ނުފޫޒު ގަދަ މެންބަރުން އިސްރާއީލަށް ގެނަސް މިތަހުގީގު ހުއްޓުވައިދިނުމަށް އެދި އެ މެންބަރުންނާ ވާހަކަ ދައްކައި ފައިސާއާއި ރިޝްވަތު ވެސް ދެމުންކަމަށްވެ އެވެ.
އިސްރާއީލުން ގަތްލުއާންމުތަކާއި މީހުން މެރުމުގެ ޖަރީމާތައް ފަލަސްތީނުގެރައްޔިތުންނާ ދެކޮޅަށް ހިންގުމަށް ފަހު ޔޫރަޕްގެ ލީޑަރުން މައިތިރި ކުރުމަށް ބޭނުންކުރާ ސްޓްރެޓެޖީއަކީ ޔޫރަޕުން ދެވަނަ ބޮޑުހަނގުރާމައިގާ ޔަހޫދީންނާދެކޮޅަށް ހޮލޮކޯސްޓް ހިންގާފައި ވާތީ ދެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހޮލޮކޯސްޓް ފަދަ އެއްވެސް ގަތްލުއާންމެއް ނުވަތަ ޖަރީމާއަކާބެހޭ ގޮތުން ޗުއްޕު ވެސް ބުނުމުގެ ހައްގު ޔޫރަޕްގެ ލިޑަރުންނަށް ނޯންނާނެކަމެވެ.
މިސްޓްރެޓެޖީ ބޭނުންކޮށްގެން އިސްރާއީލު ވަނީ ދެވަނަ ބޮޑުހަނގުރާމަ އަށް ފަހު ޔޫރަޕާއި އެމެރިކާ ބްލެކްމޭލް ކޮށްފައި ކަމަށްމުޙައްލިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)