ގާހިރާ (އޮގަސްޓް 19): އިސްރާއީލު އަދިވެސް ގެންދަނީ ޣައްޒާގެ ހިސާރު ނައްތާލުމަށް ދެކޮޅުހަދަމުން ކަމަށާއި ނަމަވެސް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާން ދާއިމީ ގޮތަކަށް ހުއްޓާލުމާބެހޭގޮތުން ގާހިރާގައި ދައްކަމުންގެންދާ ވާހަކަތަކަށް އިތުރު ފުރުސަތު ދިނުމުގެގޮތުން އަނެއްކާވެސް 24 ގަޑި އިރަށް ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

މި ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފުދާ ހަވާލާދީ އަލްޖަޒީރާ ބުނީ، ފަލަސްތީނުގެ ގަޑިން ރޭ މެންދަމު 12 އިން ފެށިގެން އަނެއްކާވެސް 24 ގަޑި އިރަށް ހަމަލާތައް މެދުކަނޑާލުމަށް އިސްރާއީލުގެ ވަފުދާއި ފަލަސްތީނުގެ ވަފުދުން އެއްބަސްވެ މިކަން އިއުލާންކޮށްފައިވާ ކަމުގައެވެ.

ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް ފަލަސްތީނުން ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދެ ޝަރުތަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް މުޅިން ނައްތާލުމާއި ޣައްޒާއަށް ވަދެ ނިކުމެވާ ހުރިހާ ދޮރޯށިތަކެއް ހުޅުވުމެވެ. އިސްރާއީލުން އަދިވެސް ގެންދަނީ މިދެ ޝަރުތަށް އިންކާރު ކުރަމުންނެވެ.

ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް ގާހިރާގައި އިސްރާއީލާއި ފަލަސްތީނުގެ ވަފުދުން ނުސީދާ މަޝްވަރާތައް ކުރިޔަށްގެންދަނީ ހަ ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުށަހެޅުމަކާ މެދުގައެވެ. މި ހަނުކުތާ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ސަރުކާރުގެ ބެލުމުގެ ދަށުން ޣައްޒާ އަލުން އާރާސްތު ކުރުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް މުޅިން ނައްތާލުމާއި ޣައްޒާއަށް ވަދެ ނިކުމެވާ ހުރިހާ ދޮރޯށިތަކެއް ހުޅުވުމާއި ޣައްޒާގެ ކަނޑުގެ ސަރަހައްދުން 12 މޭލާ ހަމައަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމާއި ޣައްޒާގައި ކަނޑުގެ ބަނދަރެއް ހެދުމުގެ ފުރުސަތު ދިނުމާއި އިސްރާއީލާއި ފަލަސްތީނާ ދެމެދު އަސީރުން ބަދަލުކުރުމެވެ.

ފަލަސްތީނުގެ ވަފުދުން ބުނީ 24 ގަޑި އިރަށް ހަމަލާތައް ހުއްޓާލީ މި ހުށަހެޅުންތަކާމެދު އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށް އިސްރާއީލުގެ ވަފުދަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމުގައެވެ.

އިސްރާއީލުގެ އިސްތިޢއުމާރީ ބާރުތަކާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެމެދު 24 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމުގެ އައު އެއްބަސްވުމެއް ވުޖޫދަށް އައިކަން ފަލަސްތީނުގެ ވަފުދުގެ މެންބަރަކު ރޭ އިއުލާން ކުރެއްވިނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ފަލަސްތީނުން ހުށަހަޅާ ޝަރުތުތަކަށް އިސްރާއީލުން ދެކޮޅުހެދުމާ ގުޅިގެން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުންތަކަކަށް ދާންޖެހޭތީ ހަނގުރާމައިގެ މައިދާނުގައި ތިބި ފަލަސްތީނުގެ މުޖާހިދުން ވަނީ ހިތްހަމަ ނުޖެހިފައެވެ.

ހަމަލާތައް މެދުކަނޑާލުމުގެ ވަގުތީ އެއްބަސްވުންތަކަށް ފަލަސްތީނުގެ ވަފުދުން އެއްބަސްވަނީ ޣައްޒާގެ އާންމުންގެ ހާލަތާމެދު ހަމްދަރްދީ ވެގެންނާއި ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނެވިދާނެ ކަމުގެ އުންމީދުގައި ކަމަށް ފަލަސްތީނުގެ ވަފުދުން ބުނެއެވެ.

ރޭ މެންދަމު ގާހިރާގައި އިއުލާންކުރި 24 ގަޑީއިރަށް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ތަންފީޒު ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ފަލަސްތީނުގެ މުޖާހިދުން ދެކެނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާނުލައި ހަމަލާތައް މެދުކަނޑާލުމަށް ވެވޭ ކޮންމެ އެއްބަސްވުމަކީ އިސްރާއީލުގެ އުދުވާނާއި ގަތުލުއާންމުތަކުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންގެ ވޭނާއި ކެކުޅުންތައް އިތުރަށް ދެމިގެންދާނެ އެއްބަސްވުމެއް ކަމުގައެވެ.

ނަމަވެސް އިސްރާއީލާ ދެކޮޅަށް ރޮކެޓް ހަމަލާތައް އަލުން ދޭންފަށައިފިނަމަ އިސްރާއީލުގެ މަތިންދާބޯޓުތަކުން ބޮންއަޅައި ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަން އަލުންފަށާނެތީ މިއީވެސް ހަމަ އެހާ ވޭންހުރި ކަމެއް ކަމަށް މުޖާހިދުންގެ ޖަމާއަތްތަކުންވެސް އެއްބަސްވެއެވެ.

ހަމަލާތައް މެދުކަނޑާލުމަށް އިތުރަށް އެއްބަސް ނުވެވޭނެ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުން ބުނެފައިވީ ނަމަވެސް 24 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލިފަހުން މުޖާހިދުންނާއި އިސްރާއީލު ސިފައިންވެސް ހަމަލާތައް ބަދަލުކޮށްފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ސީދާގޮތެއްގައި ކުރިމަތިލަމުން ގެންދާ ފަލަސްތީނުގެ ޕޮޕިއުލާ ރެސިސްޓެންސް ކޮމިޓީތަކުން ރޭގައި ބުނެފައިވަނީ އިސްރާއީލުގެ ހިސާރުގެ ފިޔަވަޅުތައް ނައްތާނުލައި ހަމަލާތައް މެދުކަނޑާލުމުގެ އިތުރު އެއްބަސްވުމަކަށް އެ ކޮމިޓީތަކުން ދެން އިހްތިރާމް ނުކުރާނެ ކަމަށާއި ކިތަންމެ ވޭންތަކެއްލިބި އިސްރާއީލުން ޣައްޒާގައި އިތުރު ގަތުލުއާންމުތަކެއް ހިންގަމުން ގެންދިޔަނަމަވެސް ދިގު މުއްދަތުގެ ހަނގުރާމައެއް އިސްރާއީލާ ދެކޮޅަށް ފަށައިގެން ނޫނީ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއީލުން އެއްބަސް ނުވާނެ ކަމުގައެވެ. (އަލްޖަޒީރާ)