ރިގާ (އޮގަސްޓް 19): ބޯލްޓިކްގެ ގައުމުތަކަށް ރަޝިޔާގެ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެ ގައުމުތަކުގެ ދިފާއުގައި ނޭޓޯ ތެދުވާނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ރަޝިޔާއާ އިންވެގެންއޮންނަ ބޯލްޓިކްގެ ގައުމެއް ކަމަށްވާ ލެޓްވިޔާގެ ބޮޑުވަޒީރު ލައިމްތޫދާ ސްތްރުގްމާ ބައްދަލުކުރެއްވުމަށްފަހު އެގައުމުގެ ވެރިރަށް ރިގާ ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މާކެލް ވިދާޅުވީ، ނޭޓޯގެ ޗާޓަރުގެ ފަސްވަނަ މާއްދާގައި އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ ހިމާޔަތުގައި އެ ޖަމާއަތް ތެދުވާން ޖެހޭކަން ބަޔާންކޮށްފައިވާ ކަމަށާއި މިއީ ހަމައެކަނި ލިޔެފައިވާ ލިޔުމަކަށް ވެގެން ނުވާނެ ކަމުގައެވެ. ނަމަވެސް ރަޝިޔާއާ ކުރިމަތިލުމަށްޓަކައި އެއްވެސް ގައުމަކަށް ނޭޓޯގެ ސިފައިން ދާއިމީ ގޮތެއްގައި ފޮނުވާފައި ބޭތިއްބުމުގެ ވިސްނުމެއް ނެތް ކަމަށް މާކެލް ވިދާޅުވި އެވެ.

ރަޝިޔާއާ އިންވެގެންވާ ބޯލްޓިކްގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިސްޓޯނިޔާ ލިޓުއޭނިޔާ އަދި ލެޓްވިޔާ އެވެ. މިއީ ވަރަށްކުޑަ އަދި ކުރީގެ ސޮވިއެޓް ޔުނިޔަން ނުވަތަ ކުރީގެ ރޫސީވިލާތުގެ އިއްތިޙާދުގައި ހިމެނުނު ތިން ގައުމެވެ. މި ތިން ގައުމަށް މިނިވަންކަން ލިބުނީ 1991 ގައި ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާ ގުޅިގެންނެވެ.

ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް ފިލިޕް ބްރިޑްލޮވް ވެސް ވަނީ ރަޝިޔާ ސިފައިން ނޭޓޯގެ އެއްވެސް ގައުމަކަށް އަރައިފިނަމަ ނޭޓޯއިން ރަޝިޔާއަށް އަސްކަރީގޮތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޖެނެރަލް ފިލިޕް މި އިންޒާރު ދެއްވި ނަމަވެސް ރަޝިޔާގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ހޯދުމުގެ ގާބިލްކަން ނޭޓޯއަށް ލިބިފައިނުވާ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. އަދި ރަޝިޔާއާއި ނޭޓޯގެ އަސްކަރީ ކުރިމަތިލުމަކަށް އެ ދެފަރާތުން ވެސް ނުދާނެކަމަށް އަސްކަރީ މުހައްލިލުންނާއި ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)