މަރުގެ މައްސަލަތަކުގައި އަމިއްލަ އިއުތިރާފުގެ މައްޗަށް އަދަބު ކަނޑައެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޕްރޮސިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕްރޮސިއުޓާ ޖެނެރަލް މުހުތާޒު ވިދާޅުވީ މިހާރު ވެސް އިއުތިރާފުގެ މައްޗަށް ބިނާކޮށް މަރުގެ މައްސަލަތަކުގައި ހުކުމް ކުރެވެމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހަމައެކަނި ބުނެލާ ބުނެލުމަކަށް އަދަބު ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ކުށަށް އިއުތިރާފު ވިޔަސް، އެމީހަކާ ސުވާލުކޮށް އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އޮޅުންފިލުވަން ޖެހޭނެ ކަމަށެވެ.

"އޭގައި ތަފްސީލީގޮތެއްގައި ފަނޑިޔާރުން ވެސް ސުވާލުކުރައްވަންޖެހޭ ދެއްތޯ؟ އަޅުގަނޑުމެން ޕްރޮސިކިއުޓަރުން ވެސް ސުވާލު ކުރާނެ. ކިހިނެތްތޯ ހިނގައިދިޔައީ. ކިހިނެތް ހިނގައިދިޔަ ކަމެއްތޯ. ކޮބައިތޯ ސަބަބަކީ. ކިހިނެތް މެދުވެރިވި ކަމެއްތޯ. ކޮންގޮތަކުންތޯ އެމީހާގެ ފުރާނަ ދުއްވާލެވުނީ. ވަޅިއަކުން ތޯ ކޮންކަހަލަ ހަތިޔާރަކުންތޯ. ހަމައެކަނި ދައުވާ ސާފުވެއްޖެއޭ. ދައުވާ އަށް އިއުތިރާފުވަމޭ. ތިމަންނައޭ އޭނަ މަރާލީ. އެއެއް ނޫން. ތަންކޮޅެއް ޑީޓެއިލްގޮތެއްގައި ސުވާލުތައް ކުރެވެން އެބަޖެހޭ. އަދި އަޅުގަނޑަކަށް ހިޔެއްނުވޭ ހުރަހެއް އޮތް ހެނެއް އެކަމަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ހުރަހެއް އެޅޭނެ ކަމަކަށް،" މުހުތާޒު ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވީ ކުދިކުދި ކުށްތަކުގައި ފުރަތަމަ ފަހަރަށް އެ ކުށްކުރާ މީހެއްގެ މައްޗަށް ދައުވާ ނުކުރުމުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.

އެ އުސޫލުގެ ދަށުން އިތުރު ކުށެއް ނުކުރުމަށް ޝަތުތުކޮށް އެމީހަކާ އެކު އެއްބަސްވުމެއް ވެވޭނެ ކަމަށާއި އެގޮތަށް އަމަލުކުރިނަމަވެސް އެ މައްސަލައެއްގައި ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް ފުރަތަމަ ފަހަރަށް ކްރިސްޕީ ޗޮކްލެޓެއްގެ މައްސަލައިގައި ކުއްޖަކު އަރުވާލަން ހުކުމް ކުރަންވީތޯ ވައްކަމުގެ މައްސަލައެއްގައި؟ ނޫނީ އޭނައަށް އިތުރު ފުރުސަތެއް ދޭންވީތޯ؟ ފުރުސަތު ދޭއިރު ވެސް އަޅުގަނޑުމެން މައްސަލަ ފައިލް ކުރާނީކީ ނޫން. އޭނައާ އެކު އެއްބަސްވެވޭނީ އިތުރުކުށެއް ނުކުރަން. ދެން އޭނަގެ އުޅުންތައް ބަހައްޓަންވީ ގޮތަކާ އެކަންކަމާ ބެހޭގޮތުން އޭނައަށް ވާހަކަދެކެވޭނެ،" ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވި އެވެ.

ކުށެއް ކުރި ފުރަތަމަ ފަހަރު ކަމުގައި އެ އޮފީހުން ބަލާ ކަންތައްތަކުގެ ތެރޭގައި އެމީހެއްގެ ޕޮލިސް ރެކޯޑަށް ވެސް ބަލާނެ ކަމަށާއި އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައި ނެތްކަމުގައި ވިޔަސް ޕޮލިސް ރެކޯޑަށް ބެލުމަށްފަހު ތަކުރާރުކޮށް އެކި ކުށްތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެއްކަމުގައި ވާނަމަ އެފަދަ މީހަކަށް ލުޔެއް ނުދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތުހުމަތު ރެކޯޑުތައް ހުންނާނެ ދެއްތޯ ޕޮލިސް ސާވިސްގައި؟ ސްކްރީނިން ޕްރޮސެސް ތެރޭގައި އަޅުގަނޑުމެން އެބާވަތުގެ ކަންކަމުގެ މައްޗަށް ބަލާނަން. އެކަން އަޅުގަނޑުމެންގެ އަތުން މިސްވެގެން ނުދާނެ. އެއްވެސް ބޮޑެތި ކުށެއް ކޮށްފަ ތިބޭ އަދި ކުށަށް އަރައިގަންނަން ހިތްވަރުދޭ ނޫނީ ކުށް ކުރުމުގައި ނޫނީ ރޭވުމުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތެއް މީގެތެރޭގައި ހިމެނިގެން ނުދާނެ،" މުހުތާޒު ވިދާޅުވި އެވެ.