އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ މީޑީއާތައް އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ ޓެލެތޯން"އަށް އިތުރަށް ލިބޭނެ ކަމަށް ޔަގީންވެފައިވާ ފައިސާއާ އެކު ފަންޑުގެ ޖުމްލަ 27.6 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކޮށްފި އެވެ.

މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި 36 ގަޑިއިރު ތެރޭ ލިބިފައި ވަނީ 20.7 މިލިއަން ރުފިޔާ އެވެ.

ޣައްޒާ ޓެލެތޯންގެ ސްޕޯކްސް ޕާސަން އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ ޓެލެތޯނަށް ބޮޑު އަދަދުތައް ހުށަހަޅާފައިވާ ފަރާތްތަކުން އިއްޔެއާ ހަމައަށް ދިން ފައިސާއާ އެކު 26 މިލިއަން ނަގުދު ރުފިޔާ މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އިތުރަށް ލިބޭނެ ކަމަށް ޔަގީންވެފައިވާ ދޮޅު މިލިއަން ރުފިޔާއާ އެކު ހެލްޕް ގާޒާ ޓެލެތޯނުގެ ޖުމްލަ 27,629,994.44 ރުފިޔާ ލިބޭނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ގާޒާ ފަންޑު މޯލްޑިވްސް"ގެ 6.3 މިލިއަން ރުފިޔާއާ އެކު ފެށި ޓެލެތޯނަށް އެކަނިވެސް 19.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ފައިސާތަކެއް ދޭނެ ކަމަށް ކުރިން ބުނެފައިވާ ފަރާތްތަކުން ވެސް އަދިވެސް ފައިސާ ހަވާލުނުކޮށް އެބަހުރި ކަމަށާއި އެ ފަރާތަކުން ވެސް "ވީހާވެސް އަވަހަކަށް" އެ ފައިސާތައް ގާޒާ ޓެލެތޯނަށް ހަވާލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހިރިގާ ވިދާޅުވި އެވެ.

"މިހާރު އެ ވަނީ ފައިސާ ލިބެން ޖެހޭ ފަރާތްތަކުން ގާތްގަނޑަކަށް ފައިސާ ހަވާލުކޮށްފައި. އެހެންވީމާ ދެން އަޅުގަނޑުމެން މަސައްކަތް ފަށައި ގަންނާނީ އެ ފައިސާ ހަވާލު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް،" މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސްކަން ވެސް ކުރައްވާ ހިރިގާ ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ހޯދުމަށް ހިލޭ ސާބަހަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް މީގެ ކުރިން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ނުލިބޭހާ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި ޣައްޒާ ފަންޑަށް ހަދިޔާ ކުރި ފައިސާތައް އެއްކުރުމުގެ މަސައްކަތުގައި ބީއެމްއެލްގެ 100 އަށް ވުރެ ގިނަ މުވައްޒަފުން 21 ގަޑިއިރު ނުނިދައި ހޭލާ ތިބެގެން ހިލޭ ސާބަހަށް މަސައްކަތްކޮށްފައިވާ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ.