18 Aug 2014, 21:46
ގައުމީ ބޭންކް، ބީއެމްއެލުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ އެގްޒެކެޓިވް ކޮމެޓީގެ ތިން ބޭފުޅުންނަކީ އެ ބޭންކަށް ލިބުނު ކާމިޔާބީތަކުގެ ހިންސާ ބޮޑު ބައެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.
ބޭންކުން އިސްތިއުފާ ދެއްވަން ނިންމެވި ބީއެމްއެލްގެ އެގްޒެކެޓިވް ކޮމެޓީގެ ތިން ބޭފުޅުންނަކީ ހިއުމަން ރިސޯސް ޑިރެކްޓަރު އައިޝަތު ނަޝީދާ އާއި ރިޓެއިލް ބޭންކިން ޑިރެކްޓަރު އެލަން މެކްފާލެންގެ އިތުރުން ރިސްކް ޑިރެކްޓަރު އައިމިނަތު ޝަހީނެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވަން ނިންމުމާ ގުޅިގެން އެންޑްރޫ ހީލީ މީޑިއާތަކަށް މިއަދު ފޮނުވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ބީއެމްއެލްގެ ކަންކަން ދަނީ ރަނގަޅު މިސްރާބަށް ކަމަށާއި މިދިޔަ ކުއާޓާގެ ހިންގުމުގެ ފައިދާ %65 އަށް އިތުރުވެފައިވުމަކީ އެކަމުގެ ހެއްކެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ހޯދުނު ކާމިޔާބީގައި އެ ތިން ޑިރެކްޓަރުންގެ ހިއްސާ ވަރަށް ބޮޑު. މިފަދަ ހާލަތްތަކުގައި މުވައްޒަފުންނާ ހިއްސާ ކުރުމުގެ ކުރިން އިތުރު މައުލޫމާތު އާއްމު ކުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ވިދާޅުވި އެވެ. "މިފުރުސަތުގައި ބޭންކުގެ ހުރިހާ ސްޓާފުން ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުދަންނަވަން،"
ބޭންކުގެ އޮނިގަނޑަށާއި ސީނިއާ ޓީމަށް ގެނެވޭ ބަދަލުތައް ހިއްސާ ކުރުމަށް މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ކުރިން ވެސް ހަމަޖައްސާފައިވާ ކަމަށް އެންޑްރޫ ހީލީ ވިދާޅުވި އެވެ.