16 Jan 2011, 16:26
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް ތަސްދީގު ނުކުރުމަށް އެދި މަދަނީ ބައެއް ޖަމިއްޔާތަކާއި ބައެއް އާންމު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ލިޔެފައިވާ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އަށް ރައްދުކުރުމަށްޓަކައި ބައެއް މަދަނީ ޖަމްއިއްޔާތަކުގެ އިސް ފަރާތްތަކާއި ބައެއް ގާނޫނީ ވަކީލުން މިއަދު ރައީސް އޮފީސް ކުރިމަތީގައި ކިޔޫ ހަދަން ފަށާފައި ވަނީ މެންދުރެއްހާއިރު އެވެ.
ރައީސް އޮފީހަށް ވަނުމުގެ ހުއްދައެއްގެ އިންތިޒާރުގައި 50 އަށްވުރެ ގިނަ މީހުން ކިޔޫގައި ސިޓީ ހިފައިގެން ތިބިއިރު އެމީހުން ގެންދިޔައީ އެ ސަރަހައްދަށް ދިޔަ އާންމުންނަށް އިމްތިޔާޒުގެ ބިލުގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ މައުލޫމާތުތައް ވެސް ދެމުން ނެވެ. އަދި ގިނައަދަދެއްގެ މީހުން އެ ސަރަހައްދަށް މަޑުކުރުވައި އެ ސިޓީގައި ސޮއިވެސް ކުރުވި އެވެ.
ސިޓީ ހިފައިގެން ގޮސް ތިބި މީހުންނަށް ރައީސް އޮފީހަށް ވަދެވޭ ގޮތްވީ މެންދު 1:30 އެހަކަންހާއިރު އެވެ. ރައީސް އޮފީހުގެ ހުއްދައާއެކު ސިޓީ ހިފައިގެން ވަދެފައި ވަނީ ފަހަރަކު ތިން މީހުންނެވެ.
ސަން އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި ތައާރަޒުވާ ގޮތަށް ފަރުމާކޮށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި އެ ބިލް މިހާރު އޮތް ގޮތަށް ތަސްދީގުނުކުރުމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި އިމްތިޔާޒުގެ މާނަ އޮޅޭނޭ ގޮތަށް އިމްތިޔާޒުގެ ބިލް ފާސްކޮށްފައިވުމުން މަޖިލީހުގެ ޒިންމާތަކުގެ ބޭރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކަށްވެސް އާދަޔާ ހިލާފު ބޮޑެތި އިމްތތިޔާޒުތަކެއް ލިބޭކަމަށް ބުނެފައި ވެ އެވެ. އޭގެ ތެރޭގައި އިންސުއަރެންސް ސުކީމްތަކާއި، ޑިޔުޓީ ފުރީ ކާރު އެތެރެ ކުރުމާއި، އަމިއްލަ ދަތުރުފުޅުތަކުގައި ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ބޭނުން ހިފުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެ އެވެ.
ރައީސް އޮފީސް ކައިރީ ހެދި ކިޔޫގެ އެންމެ ކުރީގައި ހުންނަވައިގެން ސަންއަށް މައުލޫމާތު ދެއް ވަމުން ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މެންބަރުންގެ އިމްތިޔާޒުގެ ބިލުގައި މެންބަރުންގެ އިމްތިޔާޒުގެ މަފުހޫމް އޮޅުވާލާފައިވާކަމަށެވެ.
"މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތައް ލިބެން މިޖެހެނީ އެބޭފުޅުން މަޖިލީހުގައި ދައްކަވާ ވާހަކަފުޅުތަކާއި ފާޅުކުރައްވައި ޝުއޫރުތަކަށް. އެބޭފުޅުންގެ މައްޗަކަށް ދައުވާއެއް ނުކުރެވޭ މަޖިލީހުގެ ތެރޭގައި ދައްކަވައި ވާހަކަފުޅަކުންނެއް. އެއީ އިމްތިޔާޒަކީ، އެކަމަކު މި ބިލަށް ބަލައިލައިފިއްޔާ ފެންނާނެ، ޒިންމާގެ ބޭރުން ވެސް އެތައް އިމްތިޔާޒުތަކެއް މަޖިލީހުގެ މެންބަރުންނަށް އެބަ ލިބިގެންދޭ،" އަހުމަދު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގައި މެންބަރުންނަށް ލިބިދީފައިވާ ބައެއް އިމްތިޔާޒުތަކަކީ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ނުވަތަ ޖަލްސާއަށް ހާޒިރު ވަނިކޮށް އަދި އެފަދަ ތަނަކުން އެނބުރި ރުޖޫއަވަނިކޮށް އެއްވެސް މައްސަލައެއްގައި މެންބަރަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ ކަމަށާއި މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ އެފަދަ ހާލަތުގައި އެ މެންބަރަކު ޗެކްކޮށް ބަލައި ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް، ދެ ދައުރަށް 45 ޕަސެންޓް ތިން ދައުރު ހަމަކުރާ މެންބަރަކަށް މުސާރައިގެ 60 ޕަސެންޓް މާލީ އިނާޔަތުގެ ގޮތުގައި ދއުލަތުން ދޭން ޖެހޭނެ ކަމަށް ވެސް މިބިލުގައި ބުނެފައިވެ އެވެ.
އަދި މަޖިލީހުގެ ކޮންމެ މެންބަރަކަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެއް ކާރު ޑިއުޓީ ފްރީކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ދައުލަތުން ދޭންވާނެ ކަމަށާއި، އެ ގޮތުން ގެންނަ ކާރެއް ވިއްކާލާ މީހަކަށް ދީފިނަމަ އެކާރެއް ގެނައުމަށް ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ ދައްކަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް ގުދުރަތީ ސަބަބަކާ ހުރެ ކާރު ބޭނުން ނުކުރެވޭގޮތެއް ދިމާވެއްޖެ ނަމަ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އިތުރު ކާރެއް ގެނެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް މިހާރު އޮތްގޮތަށް ތަސްދީގު ނުކުރައްވާ އިސްލާހު ކުރަން އަނބުރާ މަޖިލީހަށް ފޮނުވައިލެއްވުމަށް ހިޔުމަންރައިޓް ކޮމިޝަނުންވެސް ވަނީ ރައީސަށް ލަފާ އަރުވާފަ އެވެ.