18 Aug 2014, 19:00
ފްރާންސް ލީގުގެ ގަދަބާރެއް ކަމަށްވާ މޮނާކޯ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވަނިކޮށް، ރޭ އެ ޓީމު ކުޅުނު ލީގުގެ ދެވަނަ މެޗުންވެސް ބަލިވެއްޖެ އެވެ.
މޮނާކޯ ރޭ ބަލިވެފައި ވަނީ ބޯޑީޔުކްސްއާ ވާދަކޮށް 4-1 ލަނޑުންނެވެ. ބޯޑީޔުކްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަަމަ ލީޑް ނެގީ މޮނާކޯ އިންނެވެ. މޮނާކޯގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 44 ވަނަ މިނިޓްގައެވެ. އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހިތްގައިމު ޑައިވިން ހެޑާއަކުން ޑިމިޓާ ބާބަޓޯވް އެވެ.
ބޯޑީޔުކްސްއިން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 48 ވަނަ މިނިޓްގައި ޑިއޭގޯ ރޮލާން ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ 61 ވަނަ މިނިޓްގައި އެމިލިއާނާ ސަލާ އެވެ. ތިން ވަނަ ލަނޑު އޭގެ ހަތަރު މިނިޓް ފަހުން ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮލާނެވެ. ހަތަރުވަނަ ލަނޑަކީ ވެސް އެޓީމަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 75 ވަނަ މިނެޓްގައި ބޯޑީޔުކްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވަހްބީ ކަޒްރީ އެވެ.
މި މެޗުގައި ހަ މަސް ދުވަސް ވަންދެން އަނިޔާގައި ހުރި އެ ޓީމުގެ ތަރި ރަޑެމަލް ފަލްކާއޯ ވަނީ މެޗުގެ ފަހު 28 މިނިޓަށް ކުޅެފަ އެވެ. ލީގުގައި މިހާތަނަށް އެއްވެސް ޕޮއިންޓެއް ނުލިބޭ ތިން ޓީމުގެ ތެރޭގައި މޮނާކޯ ހިމެނެ އެވެ. އެހެން ނަމަވެސް މޮނާކޯ ވަނީ ނިމިދިޔަ ސީޒަންގައި ލީގުގެ ދެވަނަ މަގާމް ހޯދައިފަ އެވެ.
ބޯޑީޔުކްސްގެ ކޯޗަކީ ފުރަތަމަ ފަހަރަށް މި ސީޒަންގައި ކޯޗިން ކެރިއަރާ ކުރިމަތިލި ފްރާންސާއި މޮނާކޯގެ ކުރީގެ ޑިފެންޑަރު އުމުރުން 37 އަހަރުގެ ވިލީ ސެގްނޯލެވެ. އަދި މޮނާކޯގެ ކޯޗަކަށް ހުރީ މިދިޔަ ސީޒަންގައި ހުރި ރަނިއޭރީ ވަކިކުރުމަށް ފަހު މި ސީޒަންގައި ޓީމާ އަލަށް ހަވާލުވި ކުރީގެ ސްޕޯޓިންގް ލިސްބަންގެ ކޯޗު ލިއޮނާޑޯ ޖެރިމެވެ.
ލީގުގަ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މޮންޓަޕީލިއާ ވަނީ މާސޭއާ ވާދަކޮށް 2-0 ލަނޑުން މޮޅުވެފަ އެވެ. ފްރާންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވި އިރު، ފަހު މެޗުން އެއްވަރުވެފަ އެވެ.