18 Aug 2014, 18:39
މިދިޔަ ސީޒަންގައި އިނގިރޭސި ކުލަބް ނިއުކާސަލް ޔުނައިޓެޑުން ޗެލްސީއަށް ބަދަލުވި ޑެންބަ ބާ، ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބާއަށް ފުރުސަތު ދީފައި ނުވަނީ އޭނާއަކީ ސްޓާރަކަށް ނުވާތީ ކަމަށް ބާ ބުނެފި އެވެ.
ބާ މިހެން ބުނެފައި ވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޯފްގައި އަންގާރަ ދުވަހުގެ ރޭ އޭނާގެ މިހާރުގެ ކްލަބު ތުރުކީގެ ބެސިކްޓާސް އާއި އާސެނަލް ވާދަކުރާ މެޗުގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ. ތުރުކީގެ ބެސިކްޓާސްއަށް ޗެލްސީގެ ބާ ބަދަލުވީ މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައެވެ.
ޗެލްސީއަށް ކުޅުނު 23 މެޗުގައި ބާ ވަނީ 14 ލަނޑު ޖަހައިދީފައިވާ އިރު، މިދިޔަ ސީޒަންގައި ބާ އަށް ގިނައިން މޮރީނިއޯ ފުރުސަތު ދީފައި ވަނީ ވެސް ޓޮރޭސް އާއި އެޓޫއަށް ނުކުޅެވޭ ހާލަތް ތަކުގައެވެ.
"ބައެއް ފަހަރު ކުލަބުތަކަށް ނަން މަޝްހޫރު ގިނަ ސްޓާރުން ކުޅޭ. ގޭމްގެ ޓެކްޓިސް އަށް ވުރެ ކުޅުންތެރިންގެ ނަން މާ ހިނގާ. އެހެންވީމަ ވާނީ އެހެން،" ބާ ބުންޏެވެ.
ބާ ބުނީ، ޗެލްސީއާ ގުޅުނު ފަހުން ގިނަ ރައްޓެހިންތަކެއް ލިބުނު ކަމަށާއި ޗެލްސީގެ އެޑެން ހަޒާޑް އަކީ އެނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށެވެ. އަދި މި ސީޒަންގެ ޕްރިމިއާާ ލީގު ޗެލްސީ ކާމިޔާބު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިހާރު އުމުރުން 29 އަހަރުގެ ބާގެ ހުރިހާ ވިސްނުމެއްް ހުއްޓިފައި ވަނީ މާދަމާ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ޕްލޭ އޯފް މެޗަށެވެ. ދެ ލެގު ކުޅޭ މި މެޗުގެ ފުރަތަމަ ލެގު ކުޅެން ހަމަޖެހިފައި ވަނީ އިސްތަންބޫލުގެ 76000 މީހުންގެ ޖާގަ އޮންނަ އަޓަޓުކް އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އެއީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތާރިހީ ފައިނަލް މެޗު ކުޅުނު ދަނޑެވެ.