18 Aug 2014, 18:26
ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް، އަދި ގާޒީއެއް މެދުވެރިނުކޮށް ޝަރުއީ އިމުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މައްސަލައެއް ރ. މަޑުއްވަރީގައި ފެންމަތި ވެއްޖެ އެވެ.
މަޑުއްވަރީ ކައުންސިލުން ބުނީ ޝަރުއީ އިމުން ބޭރުން ކައިވެނި ކުރި މައްސަލަ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިއަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނާއި ޖެންޑާއަށް ހުށަހަޅާފައިވާ ކަމަށް މަޑުއްވަނީ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ރައީސް ހަސަން އަބުދުއްރަހީމް ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ޖެންޑާއަށް ހުށަހެޅުމާ ގުޅިގެން "އަމިއްލައަށް ކައިވެނިކޮށްގެން އުޅޭ ދެމެފިރިންނާ" ސުވާލު ކުރުމަށް ފުލުހުން "އެއް ދުވަހަކު" އެ ރަށަށް ދިޔަ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ކަމުގެ ތަހުގީގު ގޮސްފައިވާ ގޮތެއް ނޭނގޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިދާޅުވި ގޮތުގައި އެ ދެ މީހުން ކައިވެނި ކުރިކަން ޝަރުއީ އެއްވެސް ކޯޓަކަށް ނޭންގެ އެވެ. އަދި އަންހެން ކުއްޖާގެ ބައްޕަ ވަލީ ދީފައި ނުވާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އަންހެން ކުއްޖާގެ އާއިލާތެރޭ ވެސް އެކަމާ ހިޔާލު ތަފާތުވެފައިވާ ކަމަށް ވަނީ. އެއްބަޔަކު އެ ކަމަށް ތާއީދު ކުރާއިރު އަނެއް ބަޔަކު އެކަމާ ދެކޮޅު،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ދެމީހުން ކައިވެނި ކުރީ މާލޭގެ ގެއެއްގައި އެމީހުން ގަބޫލު ކުރާ މީހަކު ލައްވައި ކަމަށެވެ.
އަމިއްލަ އަށް ކުރާ ކައިވެނި ތަކުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު، މިއަހަރުގެ އޭޕްރިލް މަހު ތެރޭ ފެމެލީ ކޯޓުން ބުނެފައި ވަނީ އަމިއްލަ އަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްނުދީގެން ހުށަހަޅާ މައްސަލަތައް ކޯޓަށް ބަލއިނުގަންނާނެ ކަމަށެވެ.
އެ ކޯޓުން ބުނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން އާއިލާއާ ބެހޭ ގާނޫނާ ޚިލާފަށް އަމިއްލަ އަށް ކައިވެނި ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ދަރީންގެ ނަސްލު އޮޅުމާއި ދީނީ ގޮތުން ހަރާމްކޮށްފައިވާ ގުޅުންތަކަށް މަގުފަހިވެ، ލިބޭ ދަރިން މަގުމަތިވެގެންދާ ކަމަށެވެ. އަދި އެފަދަ ކަންތަކުގެ ސަބަބުން އިޖުތިމާއީ އެތަށް މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.