ލ. ގަމުގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އެރަށުގައި ސެންޓްރަލް ޕަވާ ހައުސްއެއް ގާއިމްކުރުމުގެ މަސަައްކަތުގެ ދަށުން އެރަށު މާހިންނަ އަވަށާއި ތުނޑީ އަވަށުގެ އިންޖީނުގެ އެއްކޮށްލުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.

ފެނަކައިން ބުނީ މާހިންނަ އަވަށާއި ތުނޑީ އަވަށުގައި ބޭނުން ކުރަމުން އަންނަ އިންޖީނުގެ އެއްކޮށްލުމުގެ ބޭނުމަކީ އެރަށަށް 24 ގަޑިއިރު ކަރަންޓް ހިދުމަތް މެދުނުކެނޑި ދިނުން ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ގަމު ތުނޑީ އަވަށަށް ފެނަކަ އިން މިހާރު ކަރަންޓް ދެމުން ގެންދަނީ މާހިންނަ އަވަށުގެ އިންޖީނުގެ އިން ވަގުތީ ގޮތުން ކޭބަލެއް ނަގައިގެންނެވެ.

އެ ޚިދުމަތް ދާއިމީ ގޮތެއްގައި ދިނުމަށް އެ މަޝްރޫއުގެ ދަށުން މިހާރު 800 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި 315 ކޭވީއޭ ގެ ދެ ޓްރާންސްފޯމަރާއި ޕެނަލް ބޯޑުތައް އެރަށަށް ފޮނުވާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވެސް ފަނަކައިން ބުންޏެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން ގަމުގެ ހަތަރު އަވަށުގެ އިންޖީނުގެ އެެއް ނެޓްވޯކަކުން ގުޅާލުމަށް ބޭނުންވާ 1150 މީޓަރުގެ މީޑިއަމް ވޮލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި މިހާރު އެ މަަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.