18 Aug 2014, 18:07
ކުއީން ޕާކް ރޭންޖާސް (ކިޔުޕާއާރު) އަތުން 54 އަހަރު ފަހުން ހަލް ސިޓީ މޮޅުވުމުން އެ ކްލަބުގެ ކޯޗު ސްޓީވް ބްރޫސް ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކިޔުޕީއާރުގެ ލޮފްޓަސް ރޯޑްގައި ކުޅުނު އެ މެޗުން ހަލް މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 52 ވަނަ މިނެޓްގައެވެ. އެ ލަނޑު ހަލްއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޭމްސް ޗެސްޓާ އެވެ.
މި ސީޒަންގައި ކިޔުޕީއާރާ އަަލަށް ގުޅުނު ރިއޯ ފާޑިނެންޑް އާއި ސްޓީވަން ކޯލްކާ މި މެޗުގައި ފެނިގެންދިޔަ އެވެ. މިދިޔަ ސީޒަންގައި ލޯނެއްގެ ދަށުން ކިޔުޕީއާރާ ގުޅުނު ލޮއިކް ރެމީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައި ވެއެވެ.
މި ސީޒަންގެ ހަލްއާ ގުޅުނު ރޮބާޓް ސްނޮޑްގްރާސް ކުޅުނު ނަމަވެސް ފުރަތަމަ ހާފްގައި އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނެވެ. މި މެޗުގެ ދެވަނަ ހާފްގައި ކިޔުޕީއާރަށް ޕެނެލްޓީއެއް ލިބުނު ނަމަވަސް އެ ޓީމުގެ ޗާލީ އޮސްޓިން ފޮނުވާލި ބޯޅަ ހަލްގެ ކީޕަރު އެލަން މެކްގްރެގާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ހަލްގެ ކޯޗު ސްޓީވް ބްރޫސް ވަނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ތައުރީފްކޮށްފަ އެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން ކުޅެން ބޭނުންވި ގޮތަކަށް ނުކުޅެވުނު. އެ ހާފުގައި އަހަރެމެން އަތުން ވަރަށް ގިނައިން ބޯޅަ ގެއްލެމުން ދިޔަ،" ބްރޫސް ބުންޏެވެ. "އޭގެ ފަހުން ކުޅުންތެރިން ބުރަ މަސައްކަތަކާއެކު ކުޅުން ރަނގަޅުކުރި. އަހަރެމެންނަށް ކިޔުޕީއާރު ގެންގުޅު ދުވަސްވީ ސްޓައިލްގެ ކުޅުން އެނގުނު. އެ ހިސާބުން އަހަރެމެން މަސައްކަތްކުރީ އެ ޓީމުން ކުޅޭ ސިސްޓަމަށް ހުރަސް އެޅުމަށް. ކުޅުންތެރިންގެ މަސައްކަތާއެކު އެކަން އަހަރެމެންނަށް ކާމިޔާބުވި."
ކިޔުޕީއާރަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ކްލަބެކެވެ. ނަމަވެސް އެ ޓީމަކީ ޕްރިމިއާ ލީގަށް އާ ޓީމަކަށް ނުވާ އިރު، އެ ކްލަބުގެ ކޯޗާއި ކުޅުންތެރިންނަކީ ވެސް ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރި ބައެކެވެ.