18 Aug 2014, 17:52
ށ. ފަރުކޮޅުގައި އެއާޕޯޓެއް ގާއިމްކުރަން 25 އަހަރަށް އަރާމް ޓްރެވަލްސް އަށް އެރަށް ކުއްޔަށް ދީފައިވީ ނަމަވެސް އެރަށުގައި އެއާޕޯޓެއް ގާއިމްކުރަން ސަރުކާރުން ބޭނުން ނުވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަރާމް ޓްރެވަލްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރަށުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ގިނަ ދުވަސްވަންދެން ދެކެމުންއައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެ ކުންފުނިން އަމަލުކުރަމުން އައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރިގޮތުން އެރަށުގައި އެއާޕޯޓެއް ގާއިމްކުރަން ސަރުކާރުން ބޭނުން ނުވާކަން ގަބޫލުކުރަން މަޖުބޫރުވެފައިވާ ކަމަށް އެ ބަޔާނުގަ ވެއެވެ.
އެގޮތައް ގަބޫލުކުރަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓް ދިވެހި ސަރުކާރަށް ހުށަހެޅުމުން ފަރުކޮޅުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް އީޕީއޭ އިން އަންގާފައިވާ ތީ ކަމަށާއި އެ ނިންމުން މުރާޖައާ ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވެސް އީޕީއޭގެ ނިންމުމަށް ތާއީދުކޮށް އެރަށުގައި އެއާޕޮޓެއް ތަރައްގީ ނުކުރެވޭނެ ކަމަށް ނިންމާފައިވާތީ ކަމަށެވެ.
"އެކަމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ދެ ތަނުން ވެސް ފާހަގަކޮށްފައި ވަނީ ފަރުކޮޅަކީ އެންވަޔަރަންމަންޓަލީ ސެންސިޓިވް ސަރަހައްދެއްކަމަށް ކުރިން ކަނޑައަޅާފައިވާތީ ކަމަށް. ނަމަވެސް އެރަށުގައި އެއާޕޯޓެއް ގާއިމްކުރަން ނިންމާފައި ވަނީވެސް ޚުދު ދިވެހި ސަރުކާރުގެ ކެބިނެޓުން. އަދި އެއީ މާކުރިން ވެސް އެންވަޔަރަންމަންޓަލީ ސެންސިޓިވް ސަރަހައްދަކަށް ވުމުން އެއީ ބަލައިގަނެވޭނެ ސަބަބެއް ނޫން،" އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން އެގޮތަށް ނިންމުމުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އެ ކުންފުންޏަށް ހުރަސްއެޅިފައިވާ ކަމަށާއި އެއްބަސްވުމުގައިވާ މާއްދާތަކާއި ޝަރުތުތަކާ ސަރުކާރުން ހިލާފްވުމުން އެއްބަސްވުމާ ސަރުކާރުން ހިލާފުވީކަމަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް 'ސަން' އަށް ވިދާޅުވީ، ފަރުކޮޅުގައި ރިސޯޓު ގާއިމް ނުކުރެވޭނެ ގޮތަށް އީޕީއޭ އިން ނިންމާފައި ވަނީ އެންވަޔަރަންމަންޓަލީ ސެންސިޓިވް ސަރަހައްދަކަށް ވުމުން ކަމަށާއި އެކަން އެންވަޔަރަންމަންޓް މިނިސްޓްރީންވެސް އަރާމް ޓްރޭވަލްސް އަށް އަންގާފައިވާ ކަމަށެވެ.
ފަރުކޮޅު ގައި އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރާއި އަރާމް ޓްރެވަލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ޖޫން، 25، 2013 ގަ އެވެ.