18 Aug 2014, 17:45
މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެންވޭރު އަޑި ޕާކް ސަރަހައްދުގައި ނ. މިލަދޫ ދިއްގާމާގޭ، މުހައްމަދު މާޒިންގެ ގަޔަށް ވަޅި ހަރައި މަލާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މާޒިންގެ މަރާ ގުޅިގެން ހައްޔަރު ކުރި 19 އަހަރުގެ ތިން މީހަކާއި 22 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ.
އެމީހުންނަށް އެންމެ ފުރަތަމަ ކޯޓުން ދީފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ.
މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ވަޅިހަރާފައި ވާއިރު، އެވަގުތު އަޑިޕާކުގައި ހުރި އޭނަގެ ތިމާގެ މީހެއްގެ އަރިކަށްޓަށް ވެސް ވަޅިން ހަމަލާދީފައި ވެއެވެ.