16 Jan 2011, 16:04
އާޓިފިޝަލް ބީޗްގެ މރ. ޗިކޯ ރެސްޓޯރެންޓަށް މާލޭ މުނިސިޕަލްޓީން ދޭން ޖެހޭ ހިދުމަތްތައް ނުދީގެން ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނެ ކޯޓަށް ދާން ނިންމާފައިވާ ކަމަށް މރ. ޗިކޯ ހިންގާ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ އަދި މރ. ޗިކޯ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުހައްމަދު މުސްތޮފާ (ތިމަރަފުށީ މުސްތޮފާ) ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ އޭނާގެ ރެސްޓޯރެންޓުން ސަރުކާރަށް ދައްކަން ޖެހޭ 4.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައި ނުވާ ކަމަށާއި އެ މައްސަލަ ޝަރީއަތަށް ފޮނުވައި ދިނުމަށް އެދިފައިވާ ކަމަށް މުނިސިޕަލްޓީން ބުނެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާ ތަމްސީލު ކުރައްވާ، އަދި ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ މެންބަރު ވިދާޅުވީ "މާލޭ މުނިސިޕަލްޓީން ތިމަރަފުށީ މުސްތޮފާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ" ކަމަށާއި އެކަމަކު އޭނާ ހިއްސާވާ މރ. ޗިކޯ ރެސްޓޯރެންޓަށް މުނިސިޕަލްޓީގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދަން މި ހަފުތާގައި ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ވިދާޅުވީ އޭނާގެ ރެސްޓޯރެންޓުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ އެ ފައިސާއެއް ނުދައްކައި އޮތީ ކީއްވެގެން ކަން އެނގޭނީ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކަށް ކަމަށާއި މރ. ޗިކޯ ރެސްޓޯރެންޓަށް މުނިސިޕަލްޓީން ދޭން ޖެހޭ ހިދުމަތްތައް ނުދީގެން ގެއްލުން ލިބެމުންދާ ކަން ވެސް އެނގޭނީ ސަރަނަގު އާދަމް މަނިކަށް ކަމަށެވެ.
"ތިން މިލިޔަން ރުފިޔާގެ ގެއްލުން ވަނީ އަޅުގަނޑުގެ ރެސްޓޯރެންޓަށް މުނިސިޕަލްޓީން ދީފައި. އަޅުގަނޑުމެނަކަށް ކަރަންޓެއް ނުދިން. ފާހާނާ ގަނޑެއް ނުދިން. މިހެން ގޮސް އެތައް ކަމަކުން ވަނީ ގެއްލުންތައް ލިބިފައި. އޭގެ ބަދަލު ހޯދަން ދައުވާ ކުރާނަން އަޅުގަނޑު މާލެ ގޮސްފައި. ދައުވާގެ ހުލާސާ މިހާރު އޮންނާނީ ނިމިފައި،" އޭނާގެ ރަށް ތިމަރަފުށީގައި ހުންނަވައިގެން ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
މުސްތޮފާ ވިދާޅުވީ މރ. ޗިކޯއިން ކުލި ނުދައްކާ ނަމަ އެގްރިމެންޓް ބާތިލު ކުރެވޭ ގޮތަށް އޮންނަ ކަމަށާއި މިހާތަނަށް އެ ގެރިމެންޓް ބާތިލުނުކޮށް އޮތީ ކީއްވެގެން މުނިސިޕަލްޓީން ބުނެދޭން ޖެހޭނެ ކަމަށެވެ. އެ ހަގީގަތް ހޯދަން މިޑިއާ ވެސް ނޫޅޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑާއި ސަރަނގު އާދަމް މަނިކާ އޮންނާނެ ވިޔަފާރީގެ ގުޅުންތައް. އެކަމަކާ، މާލޭ މުނިސިޕަލްޓީގެ ހަވާސާގައި ހިނގާ ކަންކަމަކާ ނުގުޅުވޭނެ،" އޭނާ ވިދާޅުވީ އެވެ. "މިކަމާ ގުޅޭ ވަރަށް ގިނަ ކަންކަން އަޅުގަނޑު ވައްދާ ދައުވާގެ ޝަރީއަތުން ހާމަވެގެންދާނެ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތޮފާގެ ހިއްސާވާ "ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް ޕްރައިވެޓް ލިމިޓެޑް"ގެ މރ. ޗިކޯ އިން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާތާ ދެ އަހަރުވެ، ކުށްޔާއި ޖޫރިމަނާ ފައިސާ، 4.3 މިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މާލޭ މުނިސިޕަލްޓީން ބުނީ މިދިޔަ ހަފުތާގަ އެވެ. މުނިސިޕަލްޓީން ބުނެފައި ވަނީ ކުއްޔާއި ޖޫރިމަނާއަށް އަރާ 4،396،751 ރ. ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ.
އަދި ބުނީ މި މައްސަލާގައި ދެ ފަރާތުން ވާހަކަ ދެކެވުނު ގޮތަށް ކަންތައް ކުރިޔަށް ނުދިޔުމުން މުނިސިޕަލްޓީން، "މރ. ޗިކޯ"ގެ ބިން އަނބުރާ ނަގަން ބޭނުވާތީ ތަން ހުސްކުރުމަށް ބޭނުންވާ، ފަހު މަރުހަލާ ފުރިހަމަ ކުރުމަށް ޝަރީއަތަށް ފޮނުވައި ދިނުމަށް އެދި އޭޖީ އޮފީހުގައި އެދިފައި ވާނެ ކަމަށެވެ.
"މި މައްސަލަ ޝަރީއަތަށް ފޮނުވައި ދިނުމަށް އެދި އޭޖީ އަށް ވާނީ މިހާރު ފޮނުވާފައި. މީހާ (މުސްތޮފާ) ކިތަންމެ ގާތަސް ޕާލަމެންޓް މެންބަރަކަސް އަޅުގަނޑުމެން ބަލަން ޖެހެނީ ގާނޫނާއި ގަވައިދުތަކަށް،" މުނިސިޕަލްޓީގެ އޮފިޝަލު ވިދާޅުވި އެވެ.
މުސްތޮފާ މިއަދު ދެއްވި އިންޓަވިއުގައި މުނިސިޕަލްޓީގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ ބަހެއް ހޯދަން ސަން އިން ގުޅި އެވެ. ނަމަވެސް އާންމުކޮށް ފޯނު ނަންގަވައި އިންޓަވިއު ދެއްވާ އާދަމް މަނިކު މިއަދު ފޯނެއް ނުނަންގަވަ އެވެ.