18 Aug 2014, 17:40
ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރާނެކަމަށް މެޓްއޮފީހުން ބުނެފައި ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި، ހާއްސަގޮތެއްގައި ރޭގަނޑުގެ ވަގުތު ތަކުގައި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަމަކުރަންޖެހޭ އެންމެހައި ތަކެތި ހަމަކުރުމުގެ އިތުރުން މުވާސަލާތީ ހުރިހާ ވަސީލަތްތައް ބަރާބަރަށް މަސައްކަތް ކުރޭތޯ ބެލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރުތައް ފެށުމުގެކުރިން މޫސުމާބެހޭ އިދާރާއިން އެންމެ ފަހުގެ މަޢުލޫމާތު ހޯދައި ދަތުރަށް ފުރުމުގެ ކުރިން އެ މައުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ފޯރުކޮށްދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހާދިސާއެއް ކުރިމަތިވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކޯސްޓްގާޑް ނަމްބަރު 191އާއި ފުލުހުންނާ ހިލޭ ގުޅޭ ނަމްބަރު 119 އަށް ނުވަތަ 3322111 އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ގުޅައި މައުލޫމާތު ދިނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.