18 Aug 2014, 17:19
ދެހާސް ނުވަ ވަނަ އަހަރު ހުޅުމާލޭ ހަތަރު ނަންބަރު ފްލެޓުގައި ބިދޭސީއަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ދައުވާ އަށް އިންކާރުކޮށްފި އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ފަތިހު 5:20 އެހައިކަންހާއިރު ނިދާފައި އޮއްވާ ބަނގުލަދޭޝްގެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ވެސް އެގައުމުގެ މީހެއްގެ މައްޗަށެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފާރޫކް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި އޭނައާ އެކު ހުޅުމާލޭ ފްލެޓުގައި ދިރިއުޅޭ މިލޮން ނަމަކަށް ކިޔާ ބަނގުލަދޭޝްގެ މީހަކާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށް، އެމީހާ ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅިހަރާފައިވާ ކަމަށް ވަނީ އިއުތިރާފުވެފަ އެވެ.
ނަމަވެސް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ ތަހުގީގުގައި ކުށަށް އިއުތިރާފުވީ ފުލުހުން އޭނާއަށް ބިރުދައްކައި މަޖުބޫރު ކުރުވުމުން ކަމަށެވެ.
އޭނާ ދައުވާއަށް އިންކާރުކުރުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެމީހާ ނިދާފައި އޮތް ކޮޓަރިތެރެއިން ފެނުނު ވަޅީގައި ފާރޫކްގެ ފިންގާޕްރިންޓު ހުރި ކަމަށެވެ. އަދި އޭނާގެ ގައިން އެމީހާގެ ލޭގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ފޮރެންސިކް ތަހުލީލުތައް ހެދި ފުލުހުން ހާޒިރުކޮށް މައުލޫމާތު ސާފުކުރުން ކަމަށެވެ.