ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކ. ހިންމަފުށިން ދޫކޮށްފައިވާ ބިމަކަށް ކުލިނުދީ ގަދަކަމުން އެބިމުގައި ތިބޭތީ 765،578 ރުފިޔާ އިން އެ ކުންފުނި ޖޫރިމަނާ ކޮށްފި އެވެ.

ހިންމަފުށީ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އެ ކުންފުނީގެ ފަރާތުން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ކައުންސިލް އިދާރާ އަށް ދައްކައި ޚަލާސްކުރަން ޖެހޭނެ ކަމަށެވެ.

ސްލިޕްވޭއެއް އެޅުމަށް ޖާނީ ވޯލްޑް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ އެ ބިމަށް 2007 ވަނަ އަހަރުން ފެށިގެން ދައްކަން ޖެހޭ ކުލި ނުދައްކައި ގަދަކަމުން އެބިމުގައި ތިބުމުގެ އެއްވެސް ހައްގެއް އެކުންފުންޏަށް ލިބިގެންނުވާ ކަމަށް އެ ހުކުމްގައިވެ އެވެ.

އެބިން ހުސްކުރުމަށް ކައުންސިލް އިދާރާ އިން އެންގީ އެއީ ސްލިޕްވޭއެއް ހިންގުމަށް ރަނގަޅުތަނެއް ކަމުގައި ސަރުކާރުން ނުދެކޭތީ އެބިމުގެ ބަދަލުގައި ކ. ތިލަފުށިން އެއަށް ވުރެ ބޮޑު ބިމެއް އެ ކުންފުންޏަށް ދިނުމަށް ފަހު، އެބިން ހުސްކޮށްދިނުމަށް ސަރުކާރުން އެ ކައުންސިލަށް އެންގުމުންނެވެ.

ހިންމަފުށީ ކޯޓުގެ ހުކުމްގައި ބުނަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެބިން ހުސްކޮށް ރަށު ކައުންސިލާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.