18 Aug 2014, 16:38
އިސްލާމް އާބާދު (އޮގަސްޓް 18) : ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމަށް ބާރު އެޅުމުގެ ގޮތުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުން ހުއްޓާލުން ފަދަ މަދަނީ ބަސްނޭހުމަކަށް ދިޔުމަށް އެގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އިމްރާންހާން ގޮވާލައްވައިފި އެވެ.
ނަވާޒް ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށް އިސްލާމް އާބާދުގައި އެތަައް ހާސް ބަޔަކު ކުރިޔަށްގެންދާ މުޒާހަރާތަކާއި އިހްތިޖާޖުތަކުގައި އިމްރާންހާން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ދެ ދުވަހުގެ މުހުލަތެއް ނަވާޒް ޝަރީފަށް ދެއްވާފަ އެވެ. އެ އިހުތިޖާޖްތަކުގައި ބައިވެރިވާ މީހުންގެ އަދަދު 55 ހާހަށް އަރާ ކަމަށްވެ އެވެ. ނަމަވެސް މި އިހުތިޖާޖުތަކުގައި ބައިވެރިވާ ގިނަ މީހުންނަކީ މިކަން އިންތިޒާމްކުރި އިމްރާންހާންގެ ތަހްރީކޭ އިންސާފް ޕާޓީއަށް ނިސްބަތްވާ މީހުންނާއި ދީނީ އިލްމުވެރިއެއް ކަމަށްވާ ތާހިރުލްގާދިރީ އަށް ތާއީދުކުރާ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިމްރާންހާނަކީ ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިއެކެވެ.
އިސްލާމް އާބާދުގައި މުޒާހަރާކުރާ މީހުން ގޮވާލަމުން ގެންދަނީ ބޮޑުވަޒީރު ކަމުން ނަވާޒް ޝަރީފު އިސްތިއުފާ ދެއްވުމަށެވެ. އޭނާ އިސްތިއުފާ ނުދެއްވަނީސް އިހްތިޖާޖުތައް ހުއްޓާނުލާނެ ކަމަށްވެސް އިހްތިޖާޖުކުރާ މީހުން ބުނެ އެވެ. މި އިހުތިޖާޖުތައް ލީޑް ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ ދީނީ އިލްމުވެރިޔާ ތާހިރުލްގާދިރީ ވެސް ވަނީ 48 ގަޑިއިރު ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމަށް ބޮޑުވަޒީރު ނަވާޒް ޝަރީފަށް ގޮވާލައްވާފަ އެވެ. ނަމަވެސް ޕާކިސްތާނުގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުންނާއި ޕާލަމެންޓްގައި ނަވާޒް ޝަރީފުގެ ޕާޓީގެ ތަނަވަސް އަގުލަބިއްޔަތު އޮތުމުން އިސްތިއުފާދެއްވުމަށް ނަވާޒު ޝަރީފް އަށް މަޖްބޫރު ކުރެވޭފަދަ ފިއްތުންތަކެއް މިއިހުތިޖާޖުތަކުގެ ތެރެއިން އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ. އިމްރާންހާނަކީ ނަވާޒް ޝަރީފު ފަދަ މަތީ ފެންވަރުގެ ސިޔާސީ ޝަހުސިއްޔަތަކާ ކުރިމަތި ލެވޭ ފަދަ ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް ހަބަރުލިބެ އެވެ.
ނަވާޒް ޝަރީފު ވަނީ އިސްތއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެ، އިމްރާންހާން އަށާއި ތާހިރުލްގާދިރީއަށް ގޮން ޖައްސަވާފަ އެވެ. (ރޮއިޓާސް)