އަރްބީލް (އޮގަސްޓް 18) : އިރާގުގެ ކުރުދިސްތާން ސަރަހައްދުގައިވާ އެންމެ ބޮޑު ޑޭމް ކަމަށްވާ މޫސިލް ޑޭމް އައި.އެސް ޖަމާއަތުގެ އަތްދަށުން އަތުލައި އެތަން މިނިވަން ކުރެވިއްޖެ ކަމަށް ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ބިޝްމަރުގާ" ޖަމާއަތުން ބުނެފި އެވެ.

ބިޝްމަރުގާ ގެ ކޮމާންޑަރެއް ކަމަށްވާ ހެލްކޯދް ހިކްމަތު ބުނީ އެޖަމާއަތުން މޫސިލް ޑޭމް އިއްޔެ ހަވީރުގެ ވަގުތެއްގައި އައި.އެސް ޖަމާއަތުގެ އަތްދަށުން މިނިވަންކޮށްފައިވާ ކަމުގަ އެވެ. މިޑޭމް ގެ ސަރަހައްދުން އައި.އެސް ގެ ހަނގުރާމަވެރިން ބޭރުކޮށް އެތަން މިނިވަންކުރެވުނީ އެމެރިކާގެ ވައިގެ ބާރުތަކުން ދިން އެހީތެރިކަމާ އެކުގައި ކަމަށާއި މޫސިލް ޑޭމް މިނިވަން ކުރުމަށް އެޖަމާއަތުން ބިންމަތީގައި ކުރި ހަނގުރާމަ ކާމިޔާބުވީ އެވަގުތު އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކުން އައި.އެސް ޖަމާއަތުގެ މަރުކަޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތައް ދެމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބިޝްމަރުގާ ގެ ކޮމާންޑަރު ބުންޏެވެ.

އިރާގުގެ ގިނަ ސަރަހައްދުތަކެއް ހިފާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައި.އެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި މޫސިލް ޑޭމް އޮތުމުން އެޑޭމްއިން ފެންބޭރުކޮށް ކުރުދީންގެ ސަރަހައްދުތަކުގައި ފެން ބޮޑުކޮށްލުމާއި އެސަރަހައްދުތަކުން ކަރަންޓް ކަނޑާލުމުގެ ފުރްސަތު އެޖަމާއަތަށް ލިބިފައިވާތީ އެކަމާމެދު ކަންބޮޑުވާކަން އިރާގު ސަރުކާރާއި ކުރުދިސްތާނުގެ ލޯކަލް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އައި.އެސް ޖަމާއަތާ ހަނގުރާމަ ކުރުމަށްޓަކައި އިރާގުގެ ކުރުދީންގެ ބިޝްމަރުގާ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ. މޫސިލް ޑޭމް އަކީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ އިތުރުން މުޅި އިރާގުގެ ވެސް އެންމެ ބޮޑު ޑޭމް އެވެ. އިރާގުގެ އުތުރަށް ބޭނުންވާ ކަރަންޓް އުފެއްދުމުގައި ވެސް މޫސިލް ޑޭމް މުހިއްމު ދައުރެއް އަދާކުރެ އެވެ. އަދި ދަނޑުވެރިންނަށް ފެން ފޯރުކޮށްދިނުމުގައި ވެސް ފެނުގެ މައި ސޯސްއެއްގެ ގޮތުގައި އިރާގުގެ އުތުރުގެ ސަރަހައްދުތަކުގައި ބޭނުން ކުރަނީ މިޑޭމްގެ ފެނެވެ. (ބީ.ބީސީ)