18 Aug 2014, 16:19
ރައްޔިތުން މަޖިލީހަށް ހުށަހެޅޭ ބިލްތަކުގެ ފުރަތަމަ ކިއުން އިއްވުމަށްފަހު ބަހުސަށް ހުޅުވާލުމުގެ ކުރިން އެ ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކަނޑައަޅަން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާންމު ކޮމެޓީއަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ގަވައިދުގެ 77 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އެ އިސްލާހް ބޭރުކޮށްލީ މިއަދު މެންދުރުފަހު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ޖޭޕީ އާއި އެމްޑީއޭއާއި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެމްބަރު ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހަށް ތާއިދު ކޮށްފައިވަނީ ހަމަ އެކަނި ޕީޕީއެމް މެމްބަރުންނެވެ.
ޕީޕީއެމާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ލީޑަރު، އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެ އިސްލާހާ ދެ ކޮޅަށް ވޯޓު ދެއްވާފައިވާއިރު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އާއި ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގުރޫޕްގެ، ކެޔޮދޫ ދާއިރާގެ މެމްބަރު، މުސާ ނިޒާރާއި ބިލެތްދޫ ދާއިރާގެ މެމްބަރު، އަހްމަދު މުބީން ވެސް ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ ގޮތަށް އެ އިސްލާހު ގެނައުމަށް ވޯޓު ދެއްވީ ޕީޕީއެމްގެ ފަސް މެމްބަރުންނެވެ.
މިއަދު ފާސްކޮށްފައިވާ އެހެން އިސްލާހު ތަކުގެ ތެރޭގައި މަޖިލީހުގެ ނިޒާމް ގެއްލިގެން ހުއްޓައިލާ ޖަލްސާތަކުގެ ބަދަލުގައި އެހެން ޖަލްސާއެއް ބާއްވަން ވާނެ ކަމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެ އެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން ސަބް ކޮމެޓީގެ ހަތަރު ކޮމެޓީއަށް ވުރެ ގިނަ ކޮމެޓީތަކުގައި އެއް މެމްބަރަކަށް ބައިވެރި ނުވެވޭނެ ގޮތައް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.