ލ. ގަން ތުނޑި، ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަންޒަރު ދުށް މީހުންގެ ގޮތުގައި ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ޝަރީއަތުގެ މަޖިލީސްތަކުގައި ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެ ދުވަހު އޮންނާނީ ދިފާއީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާ އިރު ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދުއްވާފައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރިއާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.