18 Aug 2014, 15:17
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ސޫރިޔާއާއި އިރާގުން ބައެއްގައި އުފައްދާފައިވާ ދައުލަތުން ކުރާ ހަނގުރާމައިގެ މައިގަނޑު އަމާޒަކީ ބައިތުލް މަގުދިސް (ގުދުސް) މިނިވަން ކުރުން ކަމަށް އެދައުލަތުން ބުނެފި އެވެ.
އައިއެސްއާ ބެހޭ ގޮތުން އިސްލާމީ ދުނިޔޭގައި ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދިނުމަށް ހޮނިހިރު ދުވަހު އާއްމުކުރި ލިއުމެއްގައި ބުނެފައި ވަނީ ބައިތުލް މަޤުދިސް (ޤުދުސް) މިނިވަން ކޮށް އިސްރާއީލު ނައްތައިލުމަކީ އެޖަމާއަތުން ކުރަމުން އަންނަ ޖިހާދުގެ މައިގަނޑު އަމާޒެއް ކަމަށެވެ. ނަމަވެސް އެމެރިކާއަށް ހަމަލާދީ ސިޔާސީ އަދި އިގުތިސާދީ ގޮތުން ބަލިކުރުމާއި އިސްލާމީ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުތައް ނައްތައިލަން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ބުނެފައި ވަނީ 300 ނިއުކްލިއަ ވޯހެޑް އެބައެއްގެ އަތުގައި ހުރި އިސްރާއީލާ ހަނގުރާމަ ކުރުމަށް ވަރަށް އެކުއިރޭޓް ސްޓްރެޓެޖީއެއް ގެންގުޅެން ޖެހޭ ކަމަށެވެ.
އައިއެސްގެ ތަރުޖަމާނު ނިދާލް ނުސައިރީ ބުނި ކަމަށް އެލިއުމުގައި ވަނީ އިސްރާއީލަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދެވީ އެގައުމުގެ ވަށައިގެންވާ އަރަބި ގައުމުތައް ކަމަށްވާ ސޫރިޔާއާއި އުރުދުންއާއި މިސްރާއީ ސައުދީ އަރަބިއްޔާއިން ކަމަށެވެ.
"... އެހެންވީމާ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ސްޓްރެޓެޖީގައި އަރަބި ދުނިޔެއާއި ފާރިސްކަރައިގެ ބާރު ކަނޑުވާލަން ޖެހޭ،" ނުސައިރީ ބުނެފައި ވެއެވެ.
އޭނާ ބުނެފައި ވަނީ އިސްރާއީލާ ދެކޮޅަށް ސީދާ ބޮޑު ހަނގުރާމައަކަށް ނުދިޔަސް މިސްރުގެ ސީނާ ސަހަރާއާއި ފަލަސްތީނުގެ ޣައްޒާގައި މިހާރު ވެސް އައިއެސްގެ ހަނގުރާމަވެރިން އިސްރާއީލާ ދެކޮޅަށް ވަކިވަކި ހަމަލާތައް ދޭ ކަމަށެވެ.
އައިއެސް އައީ އެމެރިކާއިން 2003 ވަނަ އަހަރު އިރާގު ހިފަން ހަމަލާ ދިނުމުން އެގައުމާ ދެކޮޅަށް ހަނގުރާމަކުރަން އުފެދުނު ޖަމާއަތެކެވެ. ފުރަތަމަ އެޖަމާއަތަށް ކީ ނަމަކީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެވެ. އަދި އޭގެ ފަހުން އަލް ގައިދާ އިން އިރާގުގެ ނަމުގައި ހަރަކާތްތެރި ވުމަށް ފަހު އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް (އައިއެސް އައިއެލް) ގެ ނަމުގައި ސޫރިޔާއަށް ހަނގުރާމަ ފުޅާކުރިއެވެ. އަދި އެންމެ ފަހުން އެޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދަކީ ވަކި ދައުލަތެއް ކަމަށް އިއުލާން ކުރުމާ ހަމައަށް އެޖަމާއަތަށް ކިޔަމުން އައި ނަމަކީ އިސްލާމިކް ސްޓޭޓް އޮފް އިރާގް (އައިއެސްއައިއެސް) އެވެ.