ހދ. ކުޅުދުއްފުށީ ކޯޓުގެ ކުރީގެ އިސް ގާޒީ، މުހައްމަދު ނިޔާޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައި ގާޒީ ނިޔާޒުގެ މައްޗަށް ތަހުގީގު ހިންގުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އޭނަގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް މައްސަލަ ހުށަހެޅިއިރު، އޭނާ މިހާރު ހުންނެވީ ހދ. ވައިކަރަދޫ ކޯޓުގެ ގާޒީއަށެވެ.

ގާޒީ ނިޔާޒުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަން އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު ލުތުފީ ނުދެއްވަ އެވެ. އޭނާ ވިދާޅުވީ މީޑީއާއަށް އެ މައްސަލައިގެ ތަފްސީލު "ފަހުން" ފޮނުއްވާނެ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖުލައި 16، 2009 އިން ފެށިގެން ކޯޓަށް ހާޒިރުވެވަޑައި ނުގަންނަވާ 103 ދުވަސްތަކަކީ ޗުއްޓީ ދުވަސްތަކެއް ކަމަށް ހައްދަވައި ދެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާޒީ ނިޔާޒު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. ނަމަވެސް ޖޭއެސްސީން އޭރު ނިންމާފައި ވަނީ އެ ދުވަސްތަކަކީ ޗުއްޓީގެ ދުވަސްތަކެއް ކަމަށް ހެއްދެވެން ނެތް ކަމަށާއި އެއީ އޮފީހަށް ހާޒިރު ނުވާ ދުވަސްތަކެއް ކަމަށް ބަލައި، އެ ދުވަސްތަކުގެ ފައިސާ ލިވިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ގާޒީ ނިޔާޒު ޗުއްޓީއަށް އެދިވަޑައިގެންނެވި އިރު ވަޒީފާގައި އަހަރެއްހާ ދުވަސް ނުވާތީ 30 ދުވަހުގެ ޗުއްޓީ ވެސް ދެވެން ނެތް ކަަމަށެވެ.

ޖޭއެސްސީން ނިންމާފައިވާ ނިންމުން ގާޒީ ނިޔާޒު 2009 ވަނަ އަހަރު އޭރުގެ މަދަނީ ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވެސް ވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ބުނެ ހުކުމްކޮށްފަ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް އޮޑިޓް ކުރުމަށްފަހު އޮޑިޓާ ޖެނަރަލް 2011 ވަނަ އަހަރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކުޅުދުއްފުށީ މެޖިސްޓްރީ ކޯޓުގައި ހަދާފައިވާ ކޮޓަރިއެއްގައި ބޭނުން ކުރައްވަމުން ލިވިން އެލަވަންސްގެ ގޮތުގައި 34،400 ރުފިޔާ ގާޒީ ނިޔާޒު ނަންގަވާފައިވެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުޅުދުއްފުށީ ކޯޓަށް ފޮނުވި ލެޕްޓޮޕް އެ ކޯޓާ ހަވާ ހަވާލު ނުކުރައްވާއިރު، އެހެން ކޯޓަކަށް ގާޒީ ނިޔާޒު ބަދަލުވެވަޑައިގެންފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.