16 Jan 2011, 14:57
މުދަލު ޒަކާތުގެ ނިސާބު އިސްލާމިކް މިނިސްޓްރީން ބޮޑުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ޖެނުއަރީ ހަ ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވަޖިބުވާ ނިސާބަކީ 7،508.90ރ. އެވެ. މިއީ ކުރިން އޮތް ނިސާބު، 4،248.3ރ. އަށްވުރެ، 3،260.6ރ. ބޮޑު އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީގެ އެ ސިސްޓަންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގަށް އަންނަ ބަދަލާ ގުޅުގުވައިގެން ކޮންމެ އަހަރަކު ދެ ފަހަރު އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރަމުން ގެންދާ ކަމަށެވެ.
ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށް އިސްލާމިކް މިނިސްޓްރީގެ ފައިސާ އާ ބެހޭ ސެކްޝަނުން މުދަލު ޒަކާތް ބަލައިގަންނަމުން ގެންދަނޭ ކަމަށާއި އަތޮޅުތަކުން ނަމަ އެ ރަށެއްގެ ރަށު އޮފީހުން މުދަލު ޒަކާތް ބަލައިގަންނަމުން ގެންދާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މުދަލުޒަކާތް ދެއްކުމުގެ މުހިންމު ކަމާ މެދު މީހުން ހޭލުން ތެރި ކުރުވުމަށް އެ މިނިސްޓްރީން ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.