18 Aug 2014, 14:46
ނިޒާމީ މައްސަލަތަކުގެ ތެރޭގައި ވަނިކޮށް ހުސް ވަގުތުކޮޅަށް މެދުކަނޑާލި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ހުސްވަގުތު ކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލެއްވިކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު އިއުލާން ކުރެއްވީ މިއަދު ހެނދުނު 10:30 ގަ އެވެ. ހުސްވަގުތު ކޮޅަށް މެދުކަނޑާލި ޖަލްސާ ނިންމާލެއްވިކަން މަސީހު އިއުލާން ކުރެއްވީ މިއަދު މެންދުރުފަހު 1:30 ގަ އެވެ. އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާން ކުރައްވާފަ އެވެ.
މިއަދުގެ ޖަލްސާ ނިންމާލަފައިވާއިރު ޖަލްސާގެ އެޖެންޑާގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއާ ސުވާލު ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރާއި ސުވާލު ކުރުމަށް ހުށަހަޅާފައި ވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. ފިނޭންސް މިނިސްޓަރު މަޖިލީހުގައި ބައިންދައިގެން، އެމަނިކުފާނު ޖަވާބުދާރީ ނުކުރައްވައި މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅި ދިޔައީ "ނިޒާމީ އޮއިވަރުގަ" އެވެ.
މާރިޔާ ފިނޭންސް މިނިސްޓަރު ޖިހާދުއާ ކުރައްވަން ހަމަޖެހިފައިވާ ސުވާލަކީ ބޭންކުތަކުން ލޯން ނަގައިގެން ހަދާފައި ހުންނަ އިމާރާތްތަކުން ލިބޭ ކުލިން ޓެކްސް ނަގާއިރު ބޭންކަށް ދައްކަން ޖެހޭ ފައިސާ ހިމަނައިގެން ޓެކްސް ނަގާތީ އެކަަމަށް ލުޔެއް ލިބޭ ގޮތަށް ޓެކްސް ގާނޫނަށް އިސްލާޙް ގެނައުމާއިމެދު ގެންގުޅުއްވާ ވިސްނުން ސާފު ކުރުމަށެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ އިގްތިސާދީ ކޮމެޓީން އެސްއީޒެޑްގެ ބިލް ދިރާސާކޮށް ފާސްކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ އިގްތިސާދީ ކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން އަމަލުކޮށްފައި ވަނީ މީގެކުރިން ދުވަހަކުވެސް މަޖިލީހުގެ ކޮމެޓީއަކުން އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ. އެގޮތުން އެސްއީޒެޑްގެ ބިލްގެ މަސައްކަތް ކޮމެޓީން ނިންމާފައި ވަނީ ކޮމެޓީގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ އެ ވާހަކަތަކަށް ޖަވާބުދާރީވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އިގްތިސާދީ ކޮމެޓީގައި އެސްއީޒެޑް ބިލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް އެމަނިކުފާނު ބެއްލެވިކަމަށެވެ. އެގޮތުން ކޮމެޓީން އެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ ގަވާއިދާ އެއްގޮތަށް ކަަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.