18 Aug 2014, 14:19
ހައި ކޯޓްން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 31 ވަނަ ދުވަހުގެ 2:30 ގެ ނިޔަލަށް ކަމަށެވެ.
"ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ކޮށްފައިވާ އިއުލާންގައި މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކާއި ތައުލީމީ ފެންވަރާއި ތަޖުރިބާ އާ އެދެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވަނީ ބަޔާންކޮށްފައި،" ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލު ކުރާނެ ގަވާއިދު އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމު ކޮށްފަ އެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނެ ސިއްރު ވޯޓު ނަގަނީ އިންޓަވިއުން އެންމެ މަތީ މާކްސް ލިބިފައިވާ މީހުންގެ ތަރުތީބުންނެވެ. އަދި ދެ މީހަކަށް އެއްވަރަކަށް މާކްސް ލިބިފައިވާ ނަމަ އެންމެ ފުރަތަމަ ވޯޓަށް އަހާނެ މީހަކު ބަލާނީ ގުރުއަތަކުން ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަނީ ހައި ކޯޓުގެ ނުވަ ފަނޑިޔާރުގެ ތެރެއިން އިސް ފަނޑިޔާރު އަހްމަދު ޝަރީފް ޖުވައިނަލް ކޯޓަށް ބަދަލު ކުރުމުންނެވެ. އެހެން ކަމުން މިހާރު ހައި ކޯޓުގައި ތިއްބެވީ އަށް ފަނޑިޔާރުންނެވެ.