18 Aug 2014, 14:13
ފޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ވަކި ގާނޫނެއް އޮންނަން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ކަމާ މިދިޔަ ހަފްތާގައި ހަވާލުވެވަޑައިގެންނެވި ފާތިމަތު ސަރީރާ އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
"ސަން ޓީވީ" އިން ރޭ ގެނެސްދިން 50 މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަރީރާ ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ތެރޭގައި ޕީޕީއައިސީ އޮތުމުގެ ސަބަބުން އެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލު ކަމާ މެދު ވެސް ސުވާލު އުފެއްދުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ޕީއައިސީ އަކީ ފުލުހުންގެ އެއް ޑިޕާޓްމަންޓް ކަމަށް ބައެއް ފަރާތަކަށް ހީވެފައި އޮންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ވަކި ގާނޫނެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އޮންނަން ޖެހޭ. އޭގެ އެއް ސަބަބަކީ ފުލުހުންގެ ގާނޫނުގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އޮތީމާ ރައްޔިތުންނަށް އޮޅޭ. ބައެއް މީހުނަށް ހީވޭ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންގެ ޑިޕާޓްމަންޓެއް ކަމަށް ވެސް. ނުވަތަ ފުލުހުންގެ ކޮންމެވެސް އިދާރާއެއް ކަމަށް. ދެން އަނެއް ކަމަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ މޯލްޑިވްސް ޕޮލިސް ސާވީސްގެ ކަންކަން މޮނިޓާ ކުރަން އޮތް ވޮޗް ޑޯގެއް. އެހެންވީމާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަކީ ފުލުހުންގެ ގާނޫނު ތެރޭގައި އޮންނަން ޖެހޭ ތަނެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ސަރީރާ ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ތެރެއިން ޕީއައިސީ ވަކި ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރެވޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ޕީއައީސީގެ ގާނޫނެއް ހެދިއްޖެ ނަމަ އެ ކޮމިޝަނުން މައްސަލަތައް ބެލުމަށް ފަހު ހޯމް މިނިސްޓަރަށް އަރުވާ ލަފާތަކަށް އަމަލު ނުކުރާ ނަމަ އެ ކޮމިޝަނަށް އެޅޭނެ ފިޔަވަޅުތައް ވެސް ސާފުވެފައި އޮންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ސަރީރާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އިސްލާހީ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރަށް އެ ކޮމިޝަނުން އަރުވާ ލަފާތަކާ އެއްގޮތަށް އަމަލު ނުކުރުމުން ބައެއް ފަރާތްތަކުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާ މެދު ސުވާލު އުފައްދާ ކަމަށާއި ނަމަވެސް ހޯމް މިނިސްޓަރަށް އަރުވާ ލަފާތަކާ މެދު އަމަލު ނުކުރާ ނަމަ އެ ކޮމިޝަނަށް ފިޔަވަޅު އެޅެން ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނާ މެދު މީހުންގެ އިތުބާރު އުފެއްދުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގުރާމްތަކެއް ހިންގުމަށް ހަމަ ޖައްސާފައިވާ ކަމަށެވެ.
"ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ކަހަލަ އަލަށް އުފެދިގެން އުޅޭ މުވައްސަސާއަކުން ކުރަން ޖެހެނީ ކޮން ކަހަލަ ކަމެއްކަން، އަދި ގާނޫނީ ގޮތުން އަޅުގަނޑުމެނަށް ހުރީ ކޮން ކަހަލަ ބާރުތަކެއްކަމާއި ކޮބައިތޯ އަޅުގަނޑުމެނަށް މަތިކޮށްފައިވާ ޒިންމާތަކަކީ އާއި އަޅުގަނޑުމެނަށް ނުކުރެވޭނެ ކަންކަން ވެސް ހުރިކަން ސާފުކޮށްދިނުމަށް ކޮންވެސް ކަހަލަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ވިސްނަން،" އޭނާ ވިދާޅުވި އެވެ.
ސަރީރާ ވިދާޅުވީ ފުލުހުންނާ މެދު އާންމުގެ އިތުބާރާއި ޔަގީންކަން ހޯދަދިނުމަށް ވެސް ޕްރޮގުރާމްތައް ހިންގާނެ ކަމަށާއި އަދި ފުލުހުނަށް ލިބިދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން ވެސް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލުކުރާ ބަޔަކަށް ހެދުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ފުލުހުންނަށް ހިންގުމާއި ފުލުހުންނަށް ހިންގޭ ޓްރޭނިން ޕްރޮގުރާމްތައް މިހާރަށް ވުރެ ބޮޑަށް އެ ކޮމިޝަނުން މޮނިޓަ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ކުރާ ރަނގަޅު ކަންކަން ވެސް ފާހަގަކުރަން ޖެހޭ ކަމަށާއި ފުލުހުންގެ ހިދުމަތާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.