ގދ. ގައްދޫ އާ ގުޅިފައިވާ ފަޅު ރަށެއްގައި ކޮންކްރީޓުން ހަދާފައި އޮތް "ސޮލީބެއް" ފެނިއްްޖެ އެވެ.

އެ ރަށުން އެ ސޮލީބު ފުރަތަމަ ފެނުނު އައްޑު އަތޮޅު ހިތަދޫ، ނާއިލީމަންޒިލް ހަސަން ނަސްރު މިއަދު ބުނީ އެ ސޮލީބު ފެނުނީ އެމެއް ފެނޭތޯ ބަލައިލަން މިއަދު ހެނދުނު އަތިރި މައްޗަށް ފޭބި އިރު ކަމަށެވެ. އޭރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިގު މިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި އެ "ސޮލީބު" ހަދާފައި ވަނީ ކޮންކްރީޓުން ކަމަށާއި އެ އޮތީ ބިންމަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިރަށަށް އައީ މަސްވެރިކަމުގައި ނުކުމެ އުޅެނިކޮށް ދޯނިން ކުއްޖަކު ބަލިވެގެން. ދެން މިތަނަށް [ފަޅު ސަރަހައްދަށް[ އައީ އަތިރިމައްޗަށް އެމެއް ފެނޭތޯ ބަަލަން، އެވަގުތު ބިންމަތީގައި ސޮލީބެއް ފާޑުގެ އެއްޗެއް ހަދާފައި އޮއްވައި ފެނުނީ"، އޭނާ ކިޔައިދިނެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ރަށު ކޮޅުން ރަށާއި ގުޅިފައި އޮންނަ ފަޅު ސަރަހައްދެއްގައި ސޮލީބެއް ހުރި ކަމުގެ މައުލޫމާތު މިއަދު މެންދުރެއްހާ އިރު ކައުންސިލަށް ލިބުމާ އެކު އެ މައުލޫމާތު ސާފުކުރުމަށް އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި އިރު ސަލީބެއް ފާޑުގެ "އިސްކޮޅާ ހަމައަށް އަރާ" އެއްޗެއް ހަދާފައި އޮއްވައި ފެނިފައިވާ ކަަމަށެވެ.

"އިސްކޮޅާ ހަމައަށް އަރާ އެ ސޮލީބު ބާއްވާފައި އޮތީ ބިންމަތީގައި، އެ ސަރަހައްދަށް މިރަށު މީހުން މޫދަށް ގޮސް އުޅޭ، އަދި ބައެއް މީހުން ސައިކަލް ދުއްވާލައި ހަދަން ވެސް ދޭ. އެހެން ނަމަވެސް އެއްވެސް ބަޔަކު ދިރިއެއް ނޫޅޭނެ އެ ސަރަހައްދުގައެއް. އެ ސަރަހައްދާ ކައިރީގައި ބިދޭސީންގެ ބަޔަކު މަސައްކަތް ކުރާ ސައިޓެއް ހުންނާނެ، އެހެން ކަމުން އެމީހުންގެ ކަމެއް ކަމަށް ބެލެވެނީ،" މުހައްމަދު އޭނާ ވިދާޅުވި އެވެ.

އެ ސޮލީބު ފުރަތަމަ ފެނިގެން ކައުންސިލަށް ރިޕޯޓް ކުރިއިރު އޭތި އޮތީ ހަލާކުނުކޮށް ކަމަށާއި ފަހުން ރަށު ތެރެއިން މީހުން އޭތި ފެނިގެން އުޅޭ ކަމުގެ މައުލޫމާތު ބަޔަކަށް ލިބިގެން އޭތި ހަލާކުކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގައްދޫގެ ކޮޅުން އެރަށާ ގުޅިފައިވާ އެ ރަށަކީ މީގެ ދިހަވަަރަކަށް އަހަރު ކުރިން ފަޅު ރަށެއްގެ ގޮތުގައި އޮތް "ރޮޑުވައްރެހޭ" ކިޔާ ފަޅު ރަށެއްގެ ކަމަށާއި އެ ރަށާއި އެ ފަޅު ރަށް ގުޅިފައި ވަނީ އެ ރަށުގެ ބިން ބޮޑުކުރުމަށް ބިން ހިއްކި އިރު ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.