ޏ. ފުވައްމުލަކުގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އެރަށު މިސްކިތްމަގު އަވަށު ބަޔަކު ރަސްމީ ބޯޅަދަނޑު ކަންމަތީގައި މާރާމާރީ ހިންގަންއުޅޭ ކަމުގެ މައުލޫމާތު މިދިޔަ ހޮނިހިރު ދުވަހުގެރޭ 10:15 ހާއިރު، ލިބުމާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގުމަށް އެއްވެ ތިބި މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރިއިރު، އެ ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރުމަށް ބަހައްޓާފައިހުރި ކަމަށް ބެލެވޭ ދަގަނޑު ބުރިއަކާއި، ލަކުޑި ބުރިތަކެއް ފެނިފައިވާ ކަމަށެވެ.

އެ ސަރަހައްދުން ފަސް މީހަކު ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ހިމެނޭއިރު، 21 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ ދެމީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ހައްޔަރު ކުރި ފަސް މީހުން ވެސް ތިބީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި ހައްޔަރު ކުރި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ ކުށުގެ ރިކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން ބުންޏެވެ.