18 Aug 2014, 12:49
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މިދިޔަ އަހަރުގެ ފައިދާ އިން ބަހާ ބޯނަސް މި މަހުގެ 20ގައި މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ސަން އަށް ވިދާޅުވީ ކޮންމެ މުއައްޒަފަކަށް ވެސް ބޯނަސް ދިނުމަށް ނިންމާފައި ވަނީ އެ މުއައްޒަފެއްގެ ފުރިހަމަ މުސާރައާ އެއްވަރުގެ އަދަދެއް ކަމަށެވެ. އެގޮތުން އެ ބޯނަސް އަންނަ ބުދަ ދުވަހު މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ބޯނަސް ދޭނެ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެމްއޭސީއެލްގެ މުވައްޒަފުން ވަނީ މިދިޔަ މަހުގެ ތެރޭގައި މުޒާހަރާކޮށްފަ އެވެ. އެފަހަރު މުއައްޒަފުން މުޒާހަރާކޮށްފައި ވަނީ ހަމަހަމަ އުސޫލަކުން ބޯނަސް ނުބަހައި ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކަކުން ބޯނަސް ދޭން އެމްއޭސީއެލް އިން ނިންމާފައިވާ ކަމަށް ބުނެ އެވެ.
އެމްއޭސީއެލްގެ އުސޫލު އޮންނަ ގޮތުން ނަމަ ކޮންމެ އަހަރެއްގެ ސާފު ފައިދާ އިން ވަކި ޕަސެންޓެއް ބޯނަސް ފައިސާގެ ގޮތުގައި ބަހަން ޖެހެ އެވެ. ނަމަވެސް އިންޑިއާގެ ޖީއެމްއާރްގެ އަތުން އެއާޕޯޓް ނެގިފަހުން އަދި މިހާތަނަށް ބޯނަސް ފައިސާ ބަހާފައެއް ނުވެ އެވެ.
އެމްއޭސީއެލް އިން ކުރިން ބުނެފައި ވަނީ ބޯނަސް ބެހުމާ ގުޅޭ ގޮތުން މި މަހުގެ މަހު 31 ގެކުރިން ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށެވެ.