18 Aug 2014, 12:41
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް( އައިއެސްއައިއެލް) އަދި ފަހުން އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ( އައިސިސް) ގެ ނަމުގައި ހަރަކާތްތެރިވި ޖަމާއަތުން އުފައްދާފައިވާ ދައުލަތުގެ ވެރިޔާ އަބޫބަކުރު އަލް ބަޣުދާދީ ހޯދަން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން މަސައްކަތް ފަށައިފިއެވެ.
އިރާގާއި ސޫރިޔާއިން ބޮޑު ސަރަހައްދެއް ކޮންޓްރޯލްކޮށްގެން އެޖަމާއަތުން އުފައްދާފައިވާ ދައުލަތް (ޚިލާފަތު) އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޚަލީފާ ކަމަށް ކަނޑައަޅާފައިވާ އަބޫބަކުރު އަލް ބަޣުދާދީ ހޯދުމަށް ސީއައިއޭއިން 100 މީހުން ނެރެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއީލީ މިރާ ނޫހުން މިއަދު ބުންޏެވެ.
އެނޫހުން ބުނީ ބަޣުދާދީ ހޯދުމަށްޓަކައި ޖާސޫސީ ޑްރޯންތަކާއި އެހެނިހެން މަތިންދާބޯޓްތަކާއި ސެޓެލައިޓް އިމޭޖަރީވެސް އެމެރިކާއިން ބޭނުންކުރަމުންދާ ކަމަށެވެ. އަދި އިރާގުގެ މޯބައިލް ފޯނު ޑޭޓާތައް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.
ބަޣުދާދީ ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އެމެރިކާގެ ނަންހާމާ ނުކުރާ އޮފިޝަލަކު ނޫހަށް ބުނެފައި ވެއެވެ.
"... އޭނާއަކީ ހޯދަން އުނދަގޫ މީހެއް. ނަމަވެސް އޭނާ އެންމެފަހުން ފެންނާނެ. އޭނާގެ ލަޝްކަރުތައް ވަނީ ފެތުރިފައި، އެހެންވީމާ ފޯން ކޯލްތައް ކުރާނެ. އެއީ އޭނާގެ ބަލިފައި،" އޮފިޝަލް ބުނިކަމަށް ނޫހުގައި ވެއެވެ.
އެމެރިކާއިން ލަފާކުރާ ގޮތުގައި އައިއެސްގައި މިހާރު 25000 އަށް ވުރެ ގިނަ ހަނގުރާމަވެރިން އެބަތިއްބެވެ.
އައިއެސް އިން އިރާގާއި ސޫރިޔާއިން ރަށަކަށް ފަހު ރަށެއް ހިފަމުން އިރާގުގައި އެމެރިކާގެ އެންމެ ބޮޑު މަސްލަހަތު އޮންނަ ކުރުދިސްތާނުގެ ވެރިރަށް އިރުބީލާ ދިމާއަށް މިސްރާބު ޖެހުމުން އެމެރިކާއިން ވަނީ އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އެގޮތުން އިރުބީލާ ކައިރީގައިވާ އައިއެސްގެ ލަޝްކަރުތަކަށް ބޮމުގެ ހަމަލާތަކެއް ދިނުމަށް ފަހު ކުރުދީންނަށް ހަތިޔާރު ދީފައި ވެއެވެ.
މުސްލިމުންގެ އެންމެ ފަހުގެ ޚިލާފަތު ކަމަށްވާ އުސްމާނީ ޚިލާފަތު ނައްތައިލުމަށް ގުޅިގެން މަސައްކަތް ކުރި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ވަނީ ކުރުދީންނަށް ހަތިޔާރު ދީފައެވެ. އަދި އިނގިރޭސިވިލާތުގެ ޖާސޫސީ މަތިންދާބޯޓުތަކުން ދަނީ އިރާގުގައި ޖާސޫސް ކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.