ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާ ސުވާލު ކުރުމަށް އެޖެންޑާކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު ދަންފަޅީގެ ހުސްވަގުތުކޮޅަށް މެދުކަނޑާލުމަށް ފަހު އަދިވެސް ވަނީ ނުފެށިފައެވެ.

ރިޔާސަތުން މިއަދުގެ ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވެމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުﷲ މަސީޙް މުހައްމަދު ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެނދުކަޑުއްވާލައްވަފަ އެވެ.

ނިޒާމީ މައްސަލަތަކުގައި ޖަލްސާ މެދުކަނޑުއްވާލެއްވުމަށް ފަހު އަލުން ޖަލްސާ ފެއްޓެވީ 10:00 ގައެވެ. އަދި ޖަލްސާ ފެށުމާއެކު ޖަލްސާ ކުރިއަށް ގެންދަވަން މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަަމަށް ބުނެ އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ.

ނިޒާމީ މައްސަލަ ނަންގަވައި އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އަލަށް އިންތިހާބު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދުމަށް މަޖިލީހުން ކަނޑައަޅާފައިވާ ތާރީޙު ފަހަނަޅައި ހިނގައްޖެ ކަމަށެވެ. އެހެން ކަމުން މަޖިލިސް ކުރިއަށް ދަނީ އެއްވެސް ގަވާއިދެއްގެ ދަށުން ނޫން ކަަމަށް އަލީ އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއަށް މައްސަލަތައް އެޖެންޑާ ކުރުމުގައި ތަފާތު ކުރުންތައް ގެންގުޅުއްވާ ކަމަށާއި މައްސަލަތައް ތަރުތީބު ކުރައްވަމުން ގެންދަވަނީ މައްސަލަތައް މަޖިލީހަށް ހުށަހެޅޭ ތަރުތީބުން ނޫން ކަމަށެވެ.

އަލީ އާޒިމްގެ އެ ނިޒާމީ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ރިޔާސަތުން ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ މައްސަލަތައް އެމަނިކުފާނު އެޖެންޑާ ކުރައްވަނީ މައްސަލަތައް މަޖިލީހަށް ހުށަހެޅޭ ތަރުތީބުން ކަަމަށެވެ. އަދި މައްސަލަތައް ހުށަހެޅޭ ތަރުތީބަށް އެމަނިކުފާނު އެއް ވެސް ބަދަލެއް ނުގެންނަވާ ކަަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ އިގްތިސާދީ ކޮމެޓީން އެސްއީޒެޑްގެ ބިލް ދިރާސާކޮށް ފާސްކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ އިގްތިސާދީ ކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން އަމަލުކޮށްފައިވަނީ މީގެކުރިން ދުވަހަކުވެސް މަޖިލީހުގެ ކޮމެޓީއަކުން އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ. އެގޮތުން އެސްއީޒެޑްގެ ބިލްގެ މަސައްކަތް ކޮމެޓީން ނިންމާފައި ވަނީ ކޮމެޓީގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ އެ ވާހަކަތަކަށް ޖަވާބުދާރީވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އިގްތިސާދީ ކޮމެޓީގައި އެސްއީޒެޑް ބިލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް އެމަނިކުފާނު ބެއްލެވިކަމަށެވެ. އެގޮތުން ކޮމެޓީން އެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ ގަވާއިދާ އެއްގޮތަށް ކަަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހުސްވަގުތުކޮޅަށް މެދުކަނޑާލިއިރު ފިނޭންސް މިނސްޓަރު އަބްދުﷲ ޖިހާދާ ސުވާލު ކުރައްވާފަ އެއް ނުވެއެވެ.

ހުސްވަގުތުކޮޅަށް ޖަލްސާ މެދުކަނޑާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މިއަދުގެ އެޖެންޑާގައި މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަރަށް މުހިންމު ކުއްލި މައްސަލައެއް ހުށަހަޅާފައިވާކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ވިދާޅެއް ނުވެއެވެ.