16 Jan 2011, 14:11
ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ލޮލަށް ވަޅި ހަރައިފި އެވެ.
ވަޅި ހަރާފައި ވަނީ 20 އަހަރުގެ ފިރިހެން ކުއްޖެއްގެ ވާތު ލޮލަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދެ މީހަކުވެގެން ލޮލަށް ވަޅި ޖެހީ އަހުމަދު އިސްވާން ކިޔާ ޒުވާނެއްގެ ލޮލަށެވެ. އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ ޒުވާނެއް ކަން އަދި ސާފެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އިސްވާންގެ ލޮލަށް ވަޅި ހަރާފައި ވަނީ ރޭ ހެންވޭރު ރިލެކްސިން ކައިރީ ސައިކަލެއްގެ މަތީގައި އިންދާ ސައިކަލެއްގައި ދިޔަ ދެމީހަކު ވެގެނެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި މިއަދު ވިދާޅުވީ ލޮލަށް ވަޅި ހަރައިގެން ރޭ އެ ހޮސްޕޮޓިލަށް ގެންދިޔަ ޒުވާނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ލޮލަށް ވަޅި ހަރާފައި ވުމުން އަލުން އެ ލޮލަށް ފެނުމުގެ އުންމީދު ވަރަށް ކުޑަ ކަމަށެވެ.
ފުލުހުން ބުނީ ހެންވޭރު ރިލެކްސިން ކައިރީގައި ރޭ 10:00 ޖަހާ އެހާކަންހާއިރު ހިންގި މާރާމާރީއެއްގައި މީހެއްގެ ލޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ރޭގެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.