ހއ. ހޯރަފުށީ ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގެ ހެކިބަސް ނަގައި ނިމިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފަހު މީހެއްގެ ގޮތުން ހެކިބަސް ދީފައި ވަނީ ފުލުސް މީހެކެވެ.

ހެކިބަސްދެމުން ފުލުސްމީހާ ބުނީ ހުސޭނުބޭ މަރާލި ރޭ 12:45 އެހައިކަންހާއިރު އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ހޯރަފުށީ ޅޮހީގޭ މުހައްމަދު ލަތީފް އޭނާގެ އަމިއްލަ ގޭގެ ކައިރީގައި ހުއްޓައި ފެނުނު ކަމަށެވެ.

ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ލަތީފް މަގުމަތިން ފެނިފައި ވަނީ ރަށުތެރެ ޕެޓްރޯލްކުރުމަށް އިތުރު ފުލުހަކާ އެކު ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ފުލުސްމީހާ ބުންޏެވެ. އަދި އެވަގުތު ފޯނުން ދެއްކި ވާހަކަތައް އަޑު އިވުނުކަމަށް ފުލުސްމީހާ ބުންޏެވެ.

"މުހައްމަދު ލަތީފް ބުނީ އަޅުގަނޑު މިހިރީ ގެ ކައިރީގައޭ. ވަރަށް ވިއްސާރަ ނޫންހޭ،" ފުލުސް މީހާ ބުންޏެވެ.

މުހައްމަދު ލަތީފްގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ހޯރަފުށީ އުންމީދީ މަންޒިލް، އަހްމަދު އިބްރާހީމް އާއި އެރަށު ސޯސަންވިލާ، ނުއުމާން އަބްދުﷲގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް ވެސް ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭގެ ގެއިން ވައްކަންކުރުމަށްފަހު، އޭނާ ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ހުސޭނުބޭ ދިރިއުޅޭ ގެއިން 100،000އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވެއެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ވެސް ވަނީ އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ފޮރެންސިކް ހެކިތައް ތަހުލީލު ކުރި ފުލުހުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ. ގާޒީ ވިދާޅުވީ އެކަމާ ބެހޭގޮތުން ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރަމުން ދިޔަ އުމުރުން 76 އަހަރުގެ ހުސޭނުބޭ މަރާލާފައި އޮއްވާ ފެނުނީ އެރަށު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާފައި ވަނިކޮށެވެ.