18 Aug 2014, 12:03
މާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު 'ސަން'އަށް ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި އަލުން ހެދުމަށް ކަމަށެވެ.
"މާލޭގެ މަގުތައް ހެދުމަށްޓަކައި މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލު ކުރާނަން އިރާދަކުރެއްވިއްޔާ،" ވާރޭ ފޮދެއް ވެހިލާއިރަށް ފެންބޮޑުވާ ވަރަށް ހަލާކުވެފައިވާ މާލޭގެ މަގުތަކާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްުޒު ވިދާޅުވީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އެ މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ. އަދި ބޭރުގެ ކޮންސަލްޓެންސީ ވެސް ހޯދައިގެން ވަރަށް ރަނގަޅު ސްޓަޑީއެއް ހަދައި މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވާރޭ ފޮދެއް ވެހިލާއިރަށް އަމީނީ މަގު ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާއި ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައިވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.