18 Aug 2014, 10:04
އައްޑޫ ސިޓީ ކައުންސިލުން ހުސްވެފައިވާ ފޭދޫ ދާއިރާގެ ގޮނޑިއަށާއި ނ. ވެލިދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮޑީގެ ބައި އިލެކްޝަންގައި ވޯޓްލާން ބޭނުންވާ ފަރާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އަންނަަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ދެ ކައުންސިލްގެ ބައި އިލެކްޝަންގައި އެމީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި ދެ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓް ލުމަށް އަލުން ރަޖިސްޓްރީ ވެވޭނީ "އެމީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް އެދޭ ފޯމް" މެދުވެރިކޮށް ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ. އަދި އެ ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 30 އޮގަސްޓްވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
ވެލިދޫ ރަށު ކައުންސިލުން ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި މުހައްމަދު އަލިފުޅު މި ދިޔަ ޖޫން މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަދި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި އަބްދުﷲ އަޝްވާން މިދިޔަ ޖުލައި މަހު ނިޔާވުމާ ގުޅިގެންނެވެ.