ޣައްޒާ (އޮގަސްޓް 17) : ޣައްޒާގައިވާ އދ.ގެ ސްކޫލްތަކަށް އިސްރާއީލުން ގަސްދުގައި ޙަމަލާތައްދީ އެތަންތަން ހަލާކުކޮށްލާފައިވާ މައްސަލަ ބަލައި އިސްރާއީލުގެ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަލަސްތީން ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ ޔޫއެންއާރުޑަބްލިޔުއޭ (ޔުނަރުވާ) އިން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.

މިއެޖެންސީގެ ކޮމިޝަނާ ޕިޔޭރު ކާހިންބޫލް ވިދާޅުވީ ޣައްޒާގައިވާ އދ.ގެ ސްކޫލްތަކަށް އިސްރާއީލުން ދިން ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭނެ ޙަމަލާތަކެއް ކަމަށާއި މިކަން ތަހްގީގްނުކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނާޅައި ދޫކޮށްލެވިގެން ނުވާނެކަމުގަ އެވެ. އިސްރާއީލުގެ އުދުވާނާއި ވައިގެ ހަމަލާތަކުން ސަލާމަތްވުމަށް ޓަކައި ފަލަސްތީނުގެ އެތައް ހާސްބަޔަކު ޣައްޒާގައިވާ އދ.ގެ ސްކޫލްތަކަށް ވަދެތިއްބައި އިސްރާއީލުން ވަނީ އެތައް ފަހަރަކު އެ ސްކޫލްތަކަށް ގަސްދުގައި ހަމަލާދީ ފަލަސްތީނުގެ އެތަށްބަޔަކު ޝަހީދުކޮށްލާފަ އެވެ.

ޣައްޒާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޔޫއެންއާރުޑަބްލިޔުއޭ (ޔުނަރުވާ) އެޖެންސީގެ ވެރިޔާ ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ވެސް މުޅިން ނައްތާލަން ޖެހޭ ކަމަށާއި އެކަމަށް ކުރެވޭ މަސައްކަތްތަކަށް ޔޫއެންއާރުޑަބްލިޔުއޭ އެޖެންސީން ތާއީދުކުރާ ކަމުގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމުން މެނުވީ އިސްރާއީލާ ދެކޮޅަށް ދޭ ރޮކެޓް ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާނުލާނެ ކަމުގެ އިންޒާރު ދީފަ އެވެ. (އަލްޖަޒީރާ)