ބްރަސަލްސް (އޮގަސްޓް 17) : އޮޅުވާލުމެއްގެ ތެރެއިން ނަމަވެސް ރަޝިޔާ ސިފައިން ނޭޓޯގެ އެއްވެސް ގައުމަކަށް އަރައިފި ނަމަ ނޭޓޯ އިން ރަޝިޔާ އަށް އަސްކަރީގޮތުން ވަރުގަދަ ރައްދެއްދޭނެ ކަމަށް އެޖަމާއަތުގެ އިސް ކޮމާންޑަރު ޖެނެރަލް ފިލިޕް ބްރިޑްލޮވް ދެއްވައިފި އެވެ.

ބްރިޑްލާވް ވިދާޅުވީ ރަޝިޔާ ސިފައިން ކްރައިމިޔާ އަށް އަރައި އެ ސަރަހައްދު ހިފީ ރަޝިޔާ ސިފައިންގެ ރަސްމީ ޔުނީފޯމްގެ ބަދަލުގައި ގޮތްނޭނގޭ ޔުނީފޯމެއް އަޅައިގެން ތިބެ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި ނަމަވެސް ނޭޓޯގެ ގައުމަކަށް މިގޮތަށް އަރައިފި ނަމަ ނޭޓޯ އިން ރަޝިޔާ އަށް ޢަސްކަރީ ގޮތުން ވަރުގަދައަށް ރައްދު ދޭނެކަމުގަ އެވެ. ނޭޓޯގެ އިސް ކޮމާންޑަރުގެ މިއިންޒާރަކީ ޔުކްރޭންގެ މައްސަލާގައި ހުޅަނގާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ކަމުގެ ހެއްކެތް ކަމަށާއި ނަމަވެސް ރަޝިޔާއާއި ނޭޓޯއާ ދެމެދު ޢަސްކަރީކުރިމަތިލުންތަކެއް ހިނގުމަކީ ދުރުކަމެއް ކަމަށް މުރާސިލުން ބުނެ އެވެ.

ހުޅަނގުގެ ގައުމުތައް އަޑީގައިތިބެގެން މިއަހަރުގެ ކުރީކޮޅު ގެނައި މަދަނީ އިންގިލާބެއްގައި ޔުކްރޭންގެ ވެރިކަން ބަދަލުކޮށްލުމާ ގުޅިގެން ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދަށް އެރި ގޮތްނޭންގޭ ސިފައިންގެ ލަޝްކަރުތަކަކީ ރަސްމީ ޔުނީފޯމްގެ ބަދަލުގައި ގޮތްނޭނގޭ ޔުނީފޯމެއް އަޅައިގެންތިބި ރަޝިޔާ ސިފައިން ކަމަށް ނޭޓޯއިން ތުހުމަތުކުރެ އެވެ. ރަޝިޔާ އިން ކުރިން މިކަމަށް އިންކާރުކުރިނަމަވެސް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ އެގައުމުގެ ސިފައިން ކްރައިމިޔާގައި ހަރަކާތްތަކެއް ހިންގިކަމަށް ފަހުން އެއްބަސްވެ ވަޑައިގެންފަ އެވެ.

ކޮންގައުމެއްގެ ސިފައިންކަން ނޭނގޭ ގޮތަށް ޔުނީފޯމް އަޅައިގެންތިބޭ ސިފައިންނަކީ ފެހި މީހުން ކަމަށް ސިފަކުރައްވަމުން ނޭޓޯގެ ކޮމާންޑަރު ވިދާޅުވެފައި ވަނީ ރަޝިޔާ ސިފައިން ކްރައިމިޔާގައި ހަރަކާތްތެރިވެފައި ވަނީ ފެހި މީހުންގެ ގޮތުގައި ކަމަށާ ނޭޓޯގެ ގައުމެއްގައި މިގޮތަށް ހަރަކާތްތެރިވުމުގެ ފުރްސަތު ރަޝިޔާ އަށް ނުދޭނެ ކަމުގަ އެވެ. ޖަރުމަނުގެ "ދި ފިލްތް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނޭޓޯގެ އިސްކޮމާންޑަރު ވިދާޅުވީ ފެހި މީހުންގެ ގޮތުގައި ރަޝިޔާ ސިފައިން ނޭޓޯގެ ގައުމަކަށް އަރައިފި ނަމަ ނޭޓޯ އަށް އެކަންވަރަށް ރަނގަނޅަށްއެކަން އެނގޭނެ ކަމުގަ އެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައި ނޭޓޯ މަޑުން ނޯންނާނެ ކަމަށާއި އަދި ރަޝިޔާ އަށް އަސްކަރީ ގޮތުން ވަރުގަދަ ރައްދެއް ދޭނެކަމަށް ވެސް ޖެނެރަލް ފިލިޕް ބްރިޑްލޮވް ވިދާޅުވި އެވެ.

ޔޫރަޕްގެ ޢަސްކަރީ ތަޖްރިބާކާރުން ވަނީ ރަޝިޔާއާ ހަނގުރާމަކޮށްގެން ރަޝިޔާގެ މައްޗަށް އަސްކަރީ ގޮތުން ކުރިހޯދުމުގެ ގާބިލްކަން ނޭޓޯ އަށް ލިބިފައިނުވާ ކަމަށް ވިދާޅުވެ ތަންކޮޅެއް ކުރިން ބަޔާނެއްނެރުއްވާފަ އެވެ. އަދި އެއްވެސް ޙާލެއްގައި ރަޝިޔާއާ އަސްކަރީގޮތުން ކުރިމަތިލުމަކީ ނޭޓޯ އަޅާނެ އެންމެ ބޮޑު ޅަ އެތި ކަމަށް ވެސް ޔޫރަޕްގެ އަސްކަރީ ތަޖްރިބާކާރުން ސިފަކުރައްވާފައިވެ އެވެ. ހަތިޔާރުގެ ގޮތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބާރުގަދަ ލަޝްކަރުތަކަކީ ރަޝިޔާގެ ލަޝްކަރުތަކެވެ. އަދި ނިއުކްލިޔަރ ހަތިޔާރަށް ބަލާއިރު ނޭޓޯގެ ހުރިހާ ގައުމެއްގައި ހުރިވަރަށް ރަޝިޔާގައި ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ވެސް އެމެރިކާއެކޭ އެއްފެންވަރަށް ރަޝިޔާއަށް ލިބިގެންވެ އެވެ.

ރަޝިޔާގެ އަވަށްޓެރި ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ޔުކްރޭން ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމުގެ ތުހުމަތު ޔުކްރޭނާއި ހުޅަނގުން ރަޝިޔާގެ މައްޗަށް ކުރަމުން ގެންދެ އެވެ. އަދި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް އެހީވުމަށް ޓަކައި ރަޝިޔާ ސިފައިން ގޮތްނޭނގޭ ޔުނީފޯމެއްގައި ތިބެ ޔުކްރޭންގެ އެތެރެއަށް ވަދެ ހަނގުރާމަ ކުރަމުންގެންދާ ކަމަށް ވެސް ދާދިފަހުން ވަނީ ޔުކްރޭން ސަރުކާރާއި ހުޅަނގުގެ ބާރުތަކުން ތުހުމަތުކޮށްފަ އެވެ. ނަމަވެސް ރަޝިޔާ އިން މިކަމަށް އިންކާރު ކުރެ އެވެ.

ޔުކްރޭންއަކީ ނޭޓޯގެ މެންބަރު ގައުމަކަށް ނުވާތީ ނޭޓޯ އިން މިކަމާ އަޅާނުލައި އޮތްނަމަވެސް ނޭޓޯގެ މެންބަރު ގައުމަކާ ދެކޮޅަށް ރަޝިޔާގެ އަމަލުތައް މިގޮތަށް ބަހައްޓައިފި ނަމަ ނޭޓޯ އިން ރަޝިޔާ އަށް ރައްދުދޭނެ ކަމަށް އެޖަމާއަތުގެ އިސް ކޮމާންޑަރު ޖެނެރަލް ފިލިޕް ބްރިޑްލޮވް ވިދާޅުވި އެވެ. (ރޮއިޓާސް)