ސައިކަލެއް ވަގަށްނެގި މީހަކު ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހުޅުދޫ ނިޔަދުރުމާގޭ ހުސައިން ޝިނާޒުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހ. މެހެލި ގޯލިތެރޭގައި ހުރި ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ އެ ސައިކަލު ވަގަށް ނަގައިގެން މ. މެޓްރޯ ކެފޭ ކައިރިން ދުއްވާފައި ދިޔަކަމަށް ހުސައިން ޝިނާޒް، ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

މިއީ ޝިނާޒުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

".... މިއީ މިބާވަތުގެ ކުށެއް ހުސައިން ޝިނާޒުގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ސ. ހުޅުދޫ ނިޔަދުރުމާގޭ ހުސައިން ޝިނާޒު ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.