މަސްތުވާތަކެތި ގެންގުޅުނު މީހަކު 25،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރ. ރަސްމާދޫ ޒަމާނީކުލަ، އަބްދުލްފައްތާހު ހުސައިންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އޭނާ މަސްތުވާތަކެތި ގެންގުޅުކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީ ހުރި ލޯންޗަކުން ފައްތާހު ހައްޔަރުކޮށް އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ ރަބަރު ޕެކެޓުގައިވާ ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު އޭގައި 0.0195 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ފައްތާހު ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓައް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާ އަށް ވަނީ އަންގާފަ އެވެ.