ވަގު ނޫޓުތަކެއް ގެންގުޅުނު މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ މަލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 4674 ސާޖިދު ޖަމީލުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރު ތ. ގުރައިދޫ ކެފޭއަކުން ސައި ބުއިމަށްފަހުގައާއި އޭގެ 15 މިނެޓުފަހުން އެރަށު ފިހާރައަކުން ވިޔަފާރިކުރުމަށްފަހު އަގު އަދާކުރުމުގެ ގޮތުން ސައްޚަނޫން 500 ރުފިޔާގެ ނޫޓެއް ދީފައިވާ ކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އޭގެ އެއްދުވަސް ފަހުން، ސާޖިދު ޖަމީލު ލ. ހިތަދޫ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ވެސް ސައްޚަ ނޫން 500ރ. ގެ ނޫޓެއް ދީފައިވާކަމަށް ހެކީން ހެކިބަސްދީފައިވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.