16 Jan 2011, 13:44
އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުކޮށް ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރުގައި ކަމަށާއި ވަކިކުރި ވަޒީފާ އަނބުރާ އިއާދަކޮށް މުސާރައާއި އިނާޔަތް ނަގައި ދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދެފި އެވެ.
ރިޝީފް ފުލުހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ކޯޓުގައި ފެށުމުން އޭނާގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވީ ދައުވާ ކުރަނީ އަނބުރާ ވަޒީފާ ހޯދުމަށާއި ވަޒީފާ އިން ވަކި ކުރި ދުވަހުން ފެށިގެން ނުލިބިވާ މުސާރަ އާއި އިނާޔަތްތައް ޝަރީއަތް މެދުވެރިކޮށް ނަގަން ކަމަށެވެ.
ރިޝީފް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2010 ގަ އެވެ.
ރިޝީފްގެ ވަކީލު ވިދާޅުވީ، ރިޝީފް އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކީ އެއްވެސް އަސްލެއް އެކަމުގައިވާ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައާ ގުޅިގެން އޯގަސްޓް 8، 2010 ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ރިޝީފް ބަހައްޓާނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ކޯޓުން ރިޝީފް ދޫކޮށްލުމުން ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް މައްސަލަ ޑިސިޕްލިނަރީ ބޯޑުން ރިޝީފަށް ބިރުދައްކައި ރިޝީފަށް ވަޒީފާ ނުދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ކޯޓުން ރިޝީފްގެ ވަޒީފާ އަނބުރާ އިއާދަ ކުރަން އެންގި ނަމަވެސް ވަޒީފާ ނުދޭނެ ކަމަށާއި ވަޒީފާ ދިނަސް ޖެއްސުމާއި އުނދަގޫތައް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ރިޝީފްގެ ވަކީލު ވިދާޅުވީ ރިޝީފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރުގައި ކަމަށާއި މައިގަނޑު ސަބަބަކީ ފުލުހުންގެ ވެރިންގެ ކުރާ ސިޔާސީ އަމުރުތަކަށް ކިޔަމަން ނުވުން ކަމަށެވެ. އެ ގޮތުން ފުލުހުން ޖުޑީޝަލް ސާވިސް ކޮމިޝަން ބަންދު ކުރި މައްސަލައާ ރިޝީފް ދެކޮޅު ހެދުމާއި އެދުވަހު އެތަނަށް ވަންނަން އުޅުނު މީހަކު ހައްޔަރު ކުރަން ރިޝީފަށް އެންގުމުން ހައްޔަރު ނުކުރުން ހިމެނޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މައިގަނޑު ގޮތެއްގައި މިއަދު އޮތީ ދައުވާ ހުށަހެޅުމެވެ.
މި މައްސަލައިގެ ދައުވާ ރިޝީފްގެ ފަރާތުން ހުށަހެޅުމުން ދައުލަތުން ބުނެފައި ވަނީ ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ ފުރުސަތު ދިނުމަށެވެ.
(ތަފުސީލު އަންނަނީ)