ދިރާގު ދިވެހި ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ޔެނިކް ޓަހީ އަބެލް ބޮނޭބޯ އަތުން ބައި ކޮޅަށް ވަން ލަނޑުން، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އަށް ޕޮއިންޓެއް ލިބުނު ނަމަވެސް، އެ ޓީމަށް ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ މަހިބަދޫ އާއި އޭވައިއެލް ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ކުރީ ކޮޅުގައި ލަނޑެއް ކާމިޔާބުކޮށް، ލީޑު ހޯދުމަށް ދެ ޓީމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގެ ފުރަތަމަ މިނެޓްގައި މަހިބަދޫއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ ފޮނުވާލި ހަމަލާ، އޭވައިއެލްގެ ގޯލް ކީޕަރު މުހައްމަދު ޔަމާނު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އޭގެ ހަތް މިނެޓް ފަހުން އޭވައިއެލް އަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭވައިއެލްގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ލޯގާ ބޯގާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ މަހިބަދޫގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މަހުބަދޫ އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، މަހިބަދޫއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިދުހަތެވެ. އެ ލަނޑު ޖެހުމުގެ ކުރިން ވެސް މިދުހަތަށް އިތުރު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ އޭވައިއެލް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގައި އޭވައިއެލްއަށް ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. އެ ފުރުސަތުތައް ބޭކާރުވި ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އޭވައިއެލްއަށް ވަނީ ހަދިޔާއެއް ލިބިފަ އެވެ. އެ ލަނޑަކީ އޭވައިއެލްގެ އާދިލް އަބްދުލް ރަހުމާން ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި މަހިބަދޫގެ ޔެނިކް އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި އޭވައިއެލްއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭވައިއެލްގެ އަބްދުﷲ މިސްބާހު ފޮނުވާލި ހަމަލާ، މަހިބަދޫގެ ކީޕަރު ޖަޒްލާން ވަނީ ދިފާއުކޮށް، އޭވައިއެލްގެ އުންމީދުތަކަށް ހުރަސް އަޅައިފަ އެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ވަނީ ދިހަ މެޗު ކުޅެފަ އެވެ. ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ދިހަ މެޗުން ލިބުނު 27 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ދިހަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސް އެވެ. ކުޅުނު ދިހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ފަސް ވަނައިގައި އޮތް މަހިބަދޫއަށް ވެސް ދިހަ މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ވިކްޓަރީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ދިހަ މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދިހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ދިހަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އޭވައެއެލް އާއި ބީޖީއަށް ވަނީ އަމިއްލަ ބާރު ކެނޑި، ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ބުރާސްފަތި ދުވަހު ހަވީރު 4:00 ގައި ކްލަބު ވެލެންސިއާ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ނުކުންނަ އިރު، އެރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.