17 Aug 2014, 23:57
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)ގައި ނަގާ ވޯޓު ސިއްިރު ކުރާ ގޮތަށް، ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އާ ގަވައިދެއް ގެޒެޓްކޮށްފި އެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލު ކުރާނެ ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމު ކޮށްފަ އެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނެ ސިއްރު ވޯޓު ނަގަނީ އިންޓަވިއުން އެންމެ މަތީ މާކްސް ލިބިފައިވާ މީހުންގެ ތަރުތީބުންނެވެ. އަދި ދެ މީހަކަށް އެއްވަރަކަށް މާކްސް ލިބިފައިވާނަމަ އެންމެ ފުރަތަމަ ވޯޓައް އަހާނެ މީހަކު ބަލާނީ ގުރުއަތަކުން ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ ތަފްސީލް އެ ގަވައިދުގައި ހިމަނާފައިވެ އެވެ. އެ ގަވައިދުގައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި ކުރާނެ ސުވާލުތައް ކަނޑައަޅައި ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެ ކަމަށް ހޮވާ އިންޓަވިއު ޕެނަލަކުންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ދެ ބައި ކުޅައި އެއްބައި މާކްސް ނުލިބޭ ފަރާތްތަތައް ޓިސް ކޮލިފައިވާނެ ކަމަށް ބުނެފައިވެ އެވެ.
މިއަދުން ފެށިގެން އެ ގަވައިދަށް އަމަލު ކުރަން ފަށާފައިވާއިރު ހައި ކޯޓުގެ ހަތް ފަނޑިޔާރުގެ ތެރެއިން އިސް ފަނޑިޔާރު އަހްމަދު ޝަރީފް ވަނީ ޖުވައިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ. އެހެން ކަމުން މިހާރު ހައި ކޯޓުގައި ތިއްބެވީ ހަ ފަނޑިޔާރުންނެވެ.