މި މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަން ފަށާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަދިވެސް ނުފެންނާތީ ސަރުކާރު ހިންގާ ޕީޕީއެމުން ވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރިޟްވާން އަދިވެސް ނުފެންނާތީ ޕީޕީއެމުން ކަންބޮޑުވުންފާޅުކުރީ އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ރިޟްވާންގެ އާއިލާ އާއި އެކުވެރިންނާއި ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތައް މާތްﷲ ކާމިޔާބީ ދެއްވައި، ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި އޭނާ ފެނުމުގެ ނަސީބު ދެއްވުމަށް އެދި ދުޢާކޮށްފައިވެ އެވެ.

ރިޟްވާން ގެއްލިފައިވާ ދަނޑިވަޅުގައި އޭނާގެ އާއިލާއިން ކުރަމުންދާ އިހްސާސްތަކާމެދު ޕީޕީއެމުން ހަމްދަރުދީވެ، އެ ހިތާމައިގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވާ ކަމަށް ބުނެ ނެރުނު ނޫސްބަޔާނުގައި ގޮވާލާފައި ވަނީ ރިޟްވާން ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށެވެ.

"މި ގޮތައް އިންސާނަކު ގެއްލި ވީނުވީއެއް ނޭނގި ނުފެނި ގިނަ ދުވަސްތަކެއް ވުން އެއީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރަމެވެ،" ރިޟްވާން ގެއްލުނުތާ 10 ދުވަސް ފަހުން ޕީޕީއެމުން މިއަދު ނެރުނު ބަޔާންގައި ބުނެފައިވެ އެވެ.

މިއަދު ނޫހާއި ޖަޒީރާ ނޫހުގައި ވެސް މަސައްކަތް ކުރި ރިޟްވާން ގެއްލިގެން ފުލުހުން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ފުލުހުން މިރޭ ވަނީ މީޑިއާއަށް މައުލޫމާތު ދެއްވާފަ އެވެ. ރިޟްވާން ގެއްލުނު ދުވަހު އޭނާ ހުޅުމާލޭ ފެރީޓާމިނަލުން ޓިކެޓް ގަތް ސީސީޓީވީ ފޫޓޭޖެއް އާންމުކޮށްފައިވާއިރު ފުލުހުން ބުނީ އޭނާ ފެރީއަށް އެރިކަން ކަށަވަރު ނުވާ ކަމަށެވެ.

ރިޟްވާން ގެއްލިގެން އަދިވެސް ނުފެންނާތީ، އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހަލުވި ކުރުމަށް ގޮވާލާފަ އެވެ.