17 Aug 2014, 23:08
ޗައިނާގެ ނަންޖިންގްގައި ހޮނިހިރު ދުވަހު ފެށުނު ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުކޮށްލެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގަ އެވެ.
އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވައި އެމޭރުމުން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ދިވެހި ހުރިހާ ބައިވެރިންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންނެވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ދިވެހި ވަފުދުގެ ކަންކަމާ އެންމެ އިސްކޮށް ހުންނެވި ޙަވާލުވެ ހުންނެވި އަޙުމަދު ލަޠީފްގެ ދެއްކެވި ވާހަކަފުޅުގައި، ރައީސް ޗައިނާއަށް މިކުރެއްވި ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާ ބައްދަލުކޮށްލެވުމަކީ އެ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއްކަން ފާހަގަ ކުރެއްވި އެވެ. އަދި ދިވެހި މުޅި ޓީމުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި ދިވެހިންނަށް ރީތި ނަމެއް ހޯދައިދިނުމަށް ކަމުގައި ވިދާޅުވިއެވެ.
އެ ބައްދަލުކޮށްލެއްވުމުގައި މިނިސްޓަރ އޮފް ޔޫތު މުޙައްމަދު މަލީޙް ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޙުސައިން ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ބައިވެރިވެވަޑައިގެންނެވި އެވެ.